މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް ހަރަމްގައި ހުތުބާ ވިދާޅުވާން ހުންނެވި އިމާމަކަށް ތޫނު ހަތިޔާރަކުން ހަމަލާ ދޭން އުޅެފި އެވެ.
މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހުކުރު ޚުތުބާ ދިނުމަށް އިމާމް ޝައިޚް ބަލީލާހް މަސްޖިދުލް ހަރަމްގެ މިންބަރަށް އަރާވަޑައިގެން ހުންނަ ވަނިކޮށެވެ.
އިހުރާމް ހެދުމުގައި ހުރި އެމީހާ މިންބަރަށް އަރަން މަސައްކަތް ކުރިއިރު އޭނާގެ އަތުގައި ތޫނު ހަތިޔާރެއް އޮތް ކަމަށް ހަރަމައިން ޝަރަފައިން އިންކުރި ޓްވީޓެއެއްގައި ބުނެފައިވެ އެވެ.
އިމާމަށް ހަމަލާދޭން މަސައްކަތްކުރި އެމީހާ ވަނީ މަސްޖިދުލް ހަރަމްގެ ސެކިއުރިޓީ ގާޑުން ހިފަހައްޓައި ހައްޔަރުކޮށްފަ އެވެ.
މި ހާދިސާ ފެންނަ ވީޑިއޯއެއް ހަރަމައިން ޝަރަފައިން އިން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
އިތުރުކޮށްފައިވާ ސެކިއުރިޓީ ފިޔަވަޅުތަކާއެކު މަސްޖިދުލް ހަރަމްގައި މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.