އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަކީ ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެންވާ މިނިވަންތަނަކަށް ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް، ސަރުކާރުގެ ވިސްނުން މިހާރު ހުރީ އެގޮތަށް ނޫން ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ނިޔަލަށް އީޕީއޭ މިނިވަންކުރުމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ ކަމެކެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ކަވަރިން އެންވަޔަރަމަންޓް" ތަމްރީނު ގްރޮގްރާމުގައި ނޫސްވެރިޔަކު ވަނީ އެކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ، އީޕީއޭ މިނިވަންކުރުމުގެ މަޝްވަރާތައް ފެށިގެން އައީ، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ތަންތަނުގެ އެންވަޔަރްމެންޓަލް އިޕްމެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ދީ މިދިޔަ ސަރުކާރުން ގާނޫނަށް އިސްލާހު ގެނައި ހިސާބުން ކަމަށެވެ. މި ސަރުކާރުން ވަނީ އެ ބާރު ޓޫރިޒަމް މިނިސްޓްރީގެ ދަށުން ނެގުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފައި ކަމަށެވެ.

އީޕީއޭ އާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން އީޕީއޭއަކީ ވަސީލަތްތަކާއި މުވައްޒަފުން ވަރަށް މަދު ތަނެއްކަން ފާހަގަކުރެވުނު ކަމަށާއި، އެކަން އެހެން އޮތުމުގެ ސަބަބުން އީޕީއޭގެ ނިންމުންތައް އެންވަޔަރަމަންޓް މިނިސްޓްރީގައި ހުންނަ ވަކިވަކި ޑިޕާޓްމަންޓުތަކަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ،

"އެހެންވީމަ އަޅުގަނޑުގެ ވިސްނުމުގައި މިހާރު އަދި އީޕީއޭ ސްޓާފުންގެ ވިސްނުމުގައި ވެސް އެންމެ ބޮޑު އެއް ކަމަކީ އޮޕަރޭޝަނަލް އިންޑެޕެންޑެންސް ލިބެން އެބަ ޖެހެޔޭ. އެވިޑެންސް ބޭސްޑް ޑިޒިޝަން މޭކިން އަށް. އީއައިއޭގެ ޑިޒިޝަންތައް ވެސް ނިންމުމަކަށް އީޕީއޭ އަކުން ބަރޯސާ ވާކަށް ނުޖެހޭ މިނިސްޓްރީގެ ސްޓާފުންނަށް އަދި މިނިސްޓްރީގެ ވަކި ވަކި ޑިޕާޓްމަންޓްތަކަކަށް،" ޝައުނާ ވިދާޅުވި އެވެ.

އޭނާ އަދި ވަނީ އީޕީއޭގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރަންޖެހޭކަން ވެސް ފާހަގަކުރައްވައިފަ އެވެ. އީއައިއޭ ރިޕޯޓު ހެދުމާ ގުޅޭ ގަވައިދު އޮތް ގޮތުން، މަޝްރޫއަކުން ކިތަންމެ ގެއްލުންވިޔަސް، އީޕީއޭއިން ދެކޮޅު ހެދިޔަސް ސަރުކާރުން ބޭނުން ނަމަ އެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ އެވެ. އެއީ އީޕީއޭގެ ނިންމުން މިނިސްޓަރަށް ބާތިލުކުރެވޭތީ އެވެ.

އީއައިއޭ ގަވައިދުގެ 15 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން އެ ނިންމުމެއް އިސްތިއުނާފު ކުރަަން ހުށަހަޅަން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓަރަށެވެ. އިސްތިއުނާފު ކުރި ސަބަބުތައް ތަހުގީގު ކުރުމަށް، މިނިސްޓަރު ބޭނުން އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ކަނޑައެޅޭނެ އެވެ. އަދި އެ ތަހުގީގަށް ފަހު އީޕީއޭގެ ނިންމުން ދަމަހައްޓާނީތޯ ނުވަތަ އެ ނިންމުން ބަދަލުކުރާނީތޯ މިނިސްޓަރަށް ކަނޑައެޅޭނެ އެވެ.

ސަރުކާރުން މިހާރު އީޕީއޭގެ ގަވަނިން ބޯޑެއް އެކުލަވާލާފައިވާ ކަމަށާއި އެ ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި އީޕީއޭގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ވެސް ކަނޑައެޅިފައި ވާނެ ކަމަށް ބައިވެރިންނާ މުހާތަބު ކުރާއްވާ ޝައުނާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޝައުނާގެ އެ ވާހަކަތަކަށް ޕެނަލްގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ބައިވެރިން ނުރުހުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރީސަރުކާރުގެ ވިސްނުމަކީ އީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް ވުރެ ބޮޑަށް، އީޕީއޭ އަށް އޮޕަރޭޝަނަލް މިނިވަންކަން ދިނުން ކަމަށް ޝައުނާ ވިދާޅުވުމުން އެކާމާ އެވެ.

ޝައުނާގެ ވާހަކަތަށް ނުރުހުންވެ ހުރެ އިކޯކެއާ މޯލްޑިވްގެ އެޑްވޮކެސީ ޑިރެކްޓަރު މައީދް ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، ސެޕްޓެމްބަރު 2018 ގައި އެމަނިކުފާނާއެކު ބޭއްވި ބައްދަލުވުމުގައި އީޕީއޭ އަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހެދުމުގެ މަޝްވަރާތައް ކުރެއްވި ކަމަށެވެ.

"އޭރު އަޅުގަނޑުމެން މާނަކުރީ މިނިވަން މުއައްސަސާއެއްގެ ވާހަކަ. އޭރު [ރައީސް ސޯލިހު] ދެންނެވީ މިނިވަން މުއައްސަސާއެއް އޮންނާނޭ. އަޅުގަނޑުމެން ގާތު ދެންނެވި،" މައީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ސޯލިހުއަށް ފަހުންކުރީގެ ތިމާވެށި ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަނާއެކު ވެސް އެ މަޝްވަރާތައް ކުރިއަށް ގެންދަން އެކި ގޮތަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އީޕީއޭ އަކީ މިނިވަންތަނެއްގެ ގޮތުގައި ހެދުމުގެ ވިސްނުމެއް ނެތްކަމަށެވެ. އަދި މިއަދު މިނިސްޓަރު ޝައުނާ ވެސް ވިދާޅުވީ "އޮޕަރޭޝަނަލް އިންޑެޕެންޑެންސް"ގެ ވާހަކަ ކަމަށާއި، ނަމަވެސް އެއީ ހައްލު ނޫން ކަމަށެވެ.

އިތުރަށް މައީދު ވިދާޅުވީ ދެން އަންނަ ސަރުކާރަކުން ކުރާ ކަމަކުން ހިމާޔަތް ހޯދޭނީ މިއަދު އަޅާ ފިޔަވަޅަކުން ކަމަށެވެ. މައީދުގެ ވާހަކައަށް، ސޭވް މޯލްޑިވްސްގެ ރީސާޗަރު އަދި ވޮލަންޓިއަރު ހުމައިދާ އަބްދުލްޣަފޫރު (ހުމޭ)ވެސް ތާއީދުކުރެއްވި އެވެ.

އެގޮތުން ހުމޭ ވިދާޅުވީއީޕީއޭ އަކީ މިނިވަން މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ ބަޔަކު ރައީސް ސޯލިހުގެ ކިބައިން އެދިވަޑައިގެން ކަމަށާއި އަދި އެކަމަށް ވަރަށް ބޮޑަށް އުންމީދުވެސް ކުރި ކަމަށެވެ. އޭނާ ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަކީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ހުމޭ ވިދާޅުވީ އީއައިއޭއަށް ބެލުމެއްނެތި، އެއާޕޯޓު އެޅުމަށް ކުޅުދުއްފުށި ސިޓީގެ ކުޅި ހަލާކުކޮށްލުމާއި، ނ. މާފަރު އެއާޕޯޓު ހެދުމުގެ ސަބަބުން އެރަށުގެ ތިމާވެށި އިޔާދަނުކުރެވޭ ވަރަށް ހަލާކުވެގެން ދިއުމަކީ އީޕީއޭ މިނިވަން ނުވުމުގެ ސަބަބުން ރާއްޖޭގައި ހިނގައިދިޔަ ތިމާވެށީގެ ބޮޑު ދެ "ޖަރީމާ" ކަމަށެވެ.