މާލެ ސަރަހައްދުގައި ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވުމާއެކު ޓެސްޓުކުރާ މިންވަރު އިތުރުވެފައި ވާތީ ސޯޝަލް ސެންޓަރުގައި ސާމްޕަލް ނަގާ ސެންޓަރެއް ގާއިމުކޮށްފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ސޯޝަލް ސެންޓަރުގެ ސާމްޕަލް ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ލިބޭނީ، ސޯޝަލް ސެންޓަރު ބޭރު މަގާވީ ފަޅިން ހުންނަ ގޭޓުން ކަމަށެވެ. ސާމްޕަލް ނެގުން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ މެންދުރު 1:00 ން މެންދުރު ފަހު 3:30 އާ ހަމައަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ސާމްޕަލް ނަގާ ސެންޓަތުރައް އިތުރުކޮށްފައި ވަނީ މާލޭގައި ބަލި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ތޮއްޖެހުން ކުޑަކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

އަލަށް ފެށި ސާމްޕަލް ކަލެކްޝަން ސެންޓަރާއެކު މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ހަ ސެންޓަރުން އަންނަނީ ސާމްޕަލް ނެގުމުގެ ޚިދުމަތް ދެމުންނެވެ. އެއީ މާލެހިޔާ ފުލޫ ކްލިނިކާއި، ހުޅުމާލެ ފްލޫ ކްލިނިކް، ވިލިމާލެ ފްލޫ ކްލިނިކް، ސެނަހިޔާ، އަދި ހެންވޭރު މުނިއުފާ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.

މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އިންތިހާއަށް އިތުރުވެފައިވާއިރު، މާލޭ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލުތަކާއި ކުލިނިކުތަކަށް ފުލޫ ކުލިނިކު ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެގޮތުން، އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ވަނީ ކޮވިޑަށް ފަރުވާ ދޭ ހާއްސަ ޔުނިޓެއް ގާއިމުކޮށް، ފްލޫ ކްލިނިކެއްގެ ހިދުމަތްވެސް ދޭން ފަށައިފަ އެވެ. އަދި އެފްއޭމް ކުރިން ހިންގި އިމާރާތުގައި ސަރުކާރުން އަންނަނީ ފުލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.