ލަންޑަން (23 މެއި)- އޮޅުވާލައިގެން ޕްރިންސަސް ޑަޔާނާއާ އިންޓަވިއުކުރި ބީބީސީގެ ނޫސްވެރިޔާ މާޓިން ބަޝީރު އޭނާގެ ކުށް ގަބޫލުކޮށް ޝާހީ އާއިލާގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

އިގިރޭސިވިލާތުގެ ރިޓަޔާޑް ޖަޖެއް ކަމަށްވާ ޖޯން ޑައިސަން ބުރާސްފަތި ދުވަހު ނެރުއްވި ރިޕޯޓެއްގައި ބަޝީރުގެ އޮޅުވާލުންތައް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދޮގު ބޭންކް ސްޓޭޓްމަންޓެއްގެ އެހީގައި ޑަޔާނާއާ ގާތް ފަރާތްތަކުން ޝާހީ އާއިލާގެ ސަލާމަތީ ބާރުތަކަށް ޑަޔާނާގެ އެންމެ ފަހުގެ ހަބަރުތައް ދޭން ފައިސާގެ މުއާމަލާތުތަކެއް ހިންގާފައިވާކަން ބަޝީރު ސާބިތުކޮށްދީފައިވެ އެވެ

އޭގެ ބަދަލުގައި ބަޝީރު އެދިފައި ވަނީ ޑަޔާނާއާ އެކު އިންޓަވިއު އެއް ކުރުމަށެވެ. އެގޮތުން 1995 ވަނަ އަހަރު އާއުމުވެގެން ދިޔަ މި އިންޓަވިއުގައި ޑަޔާނާ ވަނީ ޝާހީ އާއިލާއަށް ގިނަ ތުހުމަތުތަކެއް ކުރައްވައި، އެ ކަމަނާއާއި ފިރިކަލުން ޗާލްސްގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މި އިންޓަވިއު ވެގެން ގޮސްފައި ވަނީ ޝާހީ އާއިލާގެ ތެރޭގައި އާއި އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުނު "މައްސަލަ ބޮޑު" އިންޓަވިއު އަކަށެވެ.

https://www.youtube.com/watch?v=wRH_YJTMHoM

ބަޝީރުއާ ދެކޮޅަށް އާއްމުކުރެވުނު ރިޕޯޓާއެކު ޕްރިންސަސް ޑަޔާނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ވަނީ މަންމާފުޅާ ދެކޮޅަށް ބަޝީރުކުރި އަމަލުތައް ކުށްވެރިކޮށް ޕްރިންސަސް ޑަޔާނާގެ އަވަހާރަވުމާއި، އެ އިންޓަވިއު އާ ބޮޑު ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ކުށް ގަބޫލުކޮށް މައާފަށް އެދުނު ކަމުގައި ވިޔަސް ބަޝީރު ވަނީ ޕްރިންސް ވިލިއަމް އާއި ހެރީގެ އެ ތުހުމަތުތަކަށް ދެކޮޅު ހަދާފަ އެވެ. އެގޮތުން އޭނާ ބުނެފައި ވަނީ ޑަޔާނާ އަވަހާރަވުމާ އޭނާކުރި އިންޓަވިއު އާ ގުޅުމެއް އޮތްކަމަށް ބުނުމަކީ އެއްވެސް ކަހަލަ ސަބަބެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ޕްރިންސަސް ޑަޔާނާ އާއެކު ކުރި އެ އިންޓަވިއު އަށްފަހު ބޮޑު މަގުބޫލުކަމެއް ހޯދި ބަޝީރު ވަނީ މިދިޔަ ހަފުތާ ތެރޭގައި ބީބީސީގެ ސީނިއާ ނޫސްވެރިއެއްގެ މަގާމުން އިސްތިއުފާ ދީފަ އެވެ. އޭނާ އިސްތިއުފާ ދީފައި ވަނީ ޑައިސަންގެ ރިޕޯޓް އާއްމުކުރުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. –-އަލް އަރަބިއްޔާ