އިޒްރޭލްގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުން މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާލިޕާއަށް ފާޑު ކިޔައި ނިއުޔޯކް ޓައިމްސްގައި ޝާއިއުކުރި އިސްތިހާރަކަށް ސްފޮންސާދިން ކުންފުންޏަކަށް އޭނާ ވަރުގަދަ ރައްދެއް ދީފި އެވެ.
ނިއުޔޯކް ޓައިމްސްގައި ޝާއިއު ކޮށްފައިވާ އެ އިސްތިހާރުގައި ޑުއާލިޕާގެ އިތުރުން މަޝްހޫރު މޮޑެލް ބެލާ ހަދީދް އަދި ގިގީ ހަދީދްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. އެ ގޮތުން މި ތަރިންނަކީ ޔަހޫދީންނާ ދެކޮޅު ފިކުރުފަތުރާ ތަރިންތަކެއް ކަމުގައި އެ ނޫހުގައި ތުހުމަތު ކޮށްފައިވެ އެވެ.
މި ތުހުމަތުތަކަށް ރައްދުދެމުން ޑުއާލިޕާ ޓްވިޓާގައި ބުނެފައި ވަނީ ނިއުޔޯކް ޓައިމްސްގެ ވޯލްޑް ވެލިއުސް ނެޓްވޯކްއިން ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި އޭނާ ތެދުވީ އިންސާނީ ހައްގުތައް ނިގުޅައިގަނެވިފައިވާ އަދި ނަސްލީ ތަފާތުކުރުންތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ހައްގުގައި ކަމަށެވެ.
އެގާރަ ދުވަހަށް ދެމިގެން ދިޔަ އިޒްރޭލާއި ހަމާސް ޖަމާއަތުގެ ކުރިމަތިލުންތަކުގައި 240 އަށްވުރެ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. މިސްރު އިސްވެކުރި އެތައް ދުވަހެއްގެ މަޝްވަރާތަކަށް ފަހު ދެ ފަރާތުން ވެސް ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ކުރިމަތިލުންތައް ކުރިއަށް ދިޔައިރު ހޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑު އުފުލާފަ އެވެ.