ހުޅުމާލޭ މެޑިކަލް ފެސިލިޓީން މިއަދު ތިން މިނިޓް ތެރޭ މަރުވި ދެ މީހުންނާއެކު މިއަދު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ 80 އަހަރުގެ އަންހެނަކު މިރޭ 11:27 ގައި ވަނީ މަރުވެފަ އެވެ. އަދި މިރޭ 11:30 ގައި އެތަނުގައި ފަރުވާދެމުން ދިޔަ 58 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.

މިއަދު އެކަނި ހުޅުމާލޭ މެޑިކަލް ފެސިލިޓީން 10 މީހަކު ވަނީ މަރުވެފަ އެވެ. ދެން މަރުވީ އައިޖީއެމްއެޗް އީރާއަށް ގެންދިޔަ މީހަކާއި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ މީހަކާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ މީހެކެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 142 އަށް އަރާފަ އެވެ. ކޮވިޑް ޖެހިފައިވާ ގިނަ ބަޔަކަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ވެސް ދަނީ ފަރުވާދެމުންނެވެ.

މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.