ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ލިބިފައި ވަނީ 190 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ 190 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ލޯނުގެ އިތުރުންވެސް ފައިސާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ކޮންސެޝަނަލް ރޭޓުގައި ފައިސާ ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މި އަހަރުގެ ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 15 ބިލިއަން ރުފިޔާގައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ޑެފިސިޓް ފޫބައްދަން މި އަހަރު ވެސް އަދި އަންނަ އަހަރުވެސް ކޮންސެނަލް ފައިނޭންސިން ގޮތުގައި ބޭރުގެ ފަރާތަކުން ފައިސާ ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ލިބޭ 250 މިލިއަން ޑޮލަރުގެ އިތުރުން، ކުރިއަށް އޮތްތަނުގައި އައިޑީބީ އާއި އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގުޅިގެން ވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދަން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، މައިނަސް 13 އިންސައްތަ ނުވަތަ އެ އަށް ވުރެ ދަށް މިންވަރެއްގަ އެވެ. އަދި ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހަމަ އެއާއެކު، ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ދިނުމަށްޓަކައި 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ބުނެ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ އަދަދަށް އޯވަޑްރޯ ކުރުމަށްޓަކައި އެކައުންޓްގެ އޯވަޑްރާފްޓް ލިމިޓް އިތުރުކޮށްދިނުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން ބޮޑު ބައި މިހާރު ވަނީ ނަގާފަ އެވެ.
އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ހަރަދުން ފަސް ބިލިއަނަށް ވުރެ ބޮޑު އަދަދެއް ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓްގައި ޖުމްލަ ހަރަދަކީ 37.8 ބިލިއަން ރުފިޔާ އެވެ.