ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މިރޭ މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެއަތޮޅު ދާންދުއިން އެ ފެސިލިޓީއަށް ގެންދިޔަ 68 އަހަރުގެ ފިރިހެނެކެވެ.
މިއީ ކޮވިޑްގައި ދާންދުއިން މީހަކު މަރުވި ފުރަތަމަ ފަހަރެވެ. އެރަށުން ކޮވިޑް ޖެހުނު އިތުރު ތިން މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އޭގެތެރެއިން އެކަކު އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގަ އެވެ.
މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 56 އަހަރުގެ ފިރިހެނެކެވެ. ދެވަނައަށް މަރުވީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 79 އަހަރުގެ ފިރިހެނެކެވެ.
އެހެންކަމުން މިހާރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 151 އަށް އަރާފަ އެވެ.