ހަނޯއީ (29 މެއި) - ވިއެޓްނާމްއިން ކޮވިޑް-19ގެ އާ ވޭރިއަންޓެއް ފެނިއްޖެ ކަމަށާއި އެއީ އިންޑިއާ އަދި އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް އެއްވެގެން އުފެދުނު ވޭރިއަންޓްއެއް ކަމަށް އެ ގައުމުގެ ސިއްހީ ވަޒީރު ތަން ލޮންގް ވިދާޅުވެއްޖެ އެވެ.

ފެނުނު ވޭރިއަންޓްގައި ގިނައީ އިންޑިއާ ވޭރިއަންޓްގެ ސިފަތައް ނަމަވެސް އޭގެ އަސްލު އައިސްފައިވަނީ ޔޫކޭ ވޭރިއަންޓުން ކަމަށް ލޮންގް ވިދާޅުވި އެވެ.

ވައިގެ ތެރެއިން ހަލުވިކަމާއެކު ފެތުރެމުންދާ މި ވޭރިއަންޓްއާއެކު ވިއެޓްނާމްގައި ކޮވިޑް-19ގެ ކޭސްތައް ފެނުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. މިއީ ފާއިތުވި އަހަރު އެ ގައުމުގައި ވަރަށް ބޮޑަށް ކޮވިޑް ކޮންޓްރޯލްވެފައި އޮތުމަށްފަހު އިތުރުވި އިތުރުވުމެކެވެ.

އެގޮތުން އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އެ ގައުމުގެ 63 ސަރަހައްދަކުން 3،600 އަށްވުރެ ގިނަ ކޮވިޑް ކޭސްތައް ވަނީ ފެނިފަ އެވެ. މިއީ ޕެންޑަމިކް ފެށުނު ފަހުން އެ ގައުމުގައި ފެނުނު ޖުމްލަ ކޮވިޑް ކޭސްތަކުގެ ދެބައިކުޅަ އެއްބައަށް ވުރެ ވެސް ގިނަ އަދަދެކެވެ.

ވިއެޓްނާމް އިން ފެނުނު ކޮވިޑް-19ގެ އާ ވޭރިއަންޓްގެ ތަފްސީލުތައް ވަރަށް އަވަހަށް ދުނިޔެއަށް ހާމަކުރާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

ވިއެޓްނާމްގައި މިހާތަނަށް ކޮވިޑް 19ގެ 6،396 ކޭސް ފެނިފައިވާއިރު، އެ ބަލީގައި އެ ގައުމުން 47 މީހަކު ވަނީ މަރުވެފަ އެވެ. --ރޮއިޓާސް