ކުނީގެ މައްސަލަ ހައްލުކުރަން މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުން ލިބުނު އާމްދަނީން 102 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުން މިއަދު އާއްމުކުރި ގްރީން ފަންޑުގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ މާޗު މަހު ގްރީން ފަންޑަށް 93 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ގްރީން ފަންޑުގައި ޖުމްލަ 921,8 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. ގްރީން ފަންޑަށް މި އަހަރުގެ މިހާތަނަށް 214 މިލިއަން ރުފިޔާ ޖަމާވި އެވެ. އަދި މި އަހަރުގެ މިހާތަނަށް ގްރީން ފަންޑުން 102 މިލިއަން ރުފިޔާ ވަނީ ހޭދަ ވެސް ކޮށްފަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު 12 މިލިއަން އަދި ފެބްރުއަރީ މަހު 58 މިލިއަން އަދި މާޗް މަހު އެކަނި 31 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

ގްރީން ފަންޑަކީ ހަމައެކަނި ތިމާވެއްޓާ ގުޅޭގޮތުން ދިމާވާ ކަންކަން ހައްލުކުރާ ފަންޑެކެވެ، އެ ފަންޑުން ވަނީ މިއަހަރު ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެނާއި ނަރުދަމާގެ އިތުރުން ކުނީގެ މަޝްރޫއުތައް ހިންގުމަށް ހަރަދުކޮށްފަ އެވެ. ފަންޑުން އެންމެ ބޮޑު އަދަދެއް ހޭދަ ކޮށްފައި ވަނީ މާލެ ސަރަހައްދުގައި ކުނީގެ މައްސަލަ ހައްލު ކުރާށެވެ. އެ މަސައްކަތް ކުރަން 3,6 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ތިިމާވެއްޓާ ގުޅުންހުރި ކަންކަން ހައްލުކުރުމުގެ ގޮތުން ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރު އެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.