ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝޭކް ބައްޗަން އަކީ ޗެލްސީ ފުޓްބޯލް ކްލަބްގެ ސަޕޯޓަރެކެވެ. އެ ޓީމުގެ މެޗެއް ދައްކާނަމަ ޓީވީ ކައިރިން ދުރަށް ނުދާ އެ ކްލަބްގެ "ޑައި ހާޑް" ފޭން އެކެވެ.
އެގޮތުން ހޮނިހިރު ދުވަހު އޮތް ޔުއެފާ ޗެމްޕިއަންސް ލީގް ޗެލްސީ ކާމިޔާބު ކުރުމާއެކު އެންމެ އުފާ ފާޅުކުރި އެކަކީ އަބީޝޭކް އެވެ.
އަބީޝޭކް ވަނީ އޭނާގެ އިންސްޓަގްރާމްގައި ޗެލްސީގެ މޮޅު ފާހަގަކޮށް ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ޗެމްޕިއަންސް ލީގްގެ ތަށި ޗެލްސީއިން އުފުލާލި މަންޒަރު ޓީވީ އިން ފެންނަ ގޮތަށް ނަގާފައިވާ އެ ފޮޓޯގައި އަބީޝޭކް ހުރީ ޗެލްސީގެ ޖާޒީއެއްގަ އެވެ.
އޭގެ ހިނދުކޮޅެއް ފަހުން ކުރި އެހެން ޕޯސްޓެއްގައި އޭނާ ވަނީ ޗަމްޕިއަންސް އޮފް ޔޫރަޕް ޖަހާފައިވާ ޗެލްސީގެ ޕޯސްޓަރެއް ހިއްސާ ކޮށްފަ އެވެ.
ޗެލްސީއި އިން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރީ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި މެންޗެސްޓާ ސިޓީ އާ ވާދަކޮށް 0-1 ގެ ނަތީޖާ އިން މެޗް ކާމިޔާބު ކޮށްގެންނެވެ. މިއީ އެ ކްލަބުން އެ މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަބީޝޭކް ދެން އެންމެ އަވަހަށް ފެންނާނީ ދިޔާ އަންނަޕޫރްނާ ގޯޝް ޑައިރެކްޓް ކުރާ ބޮބް ބިސްވާސް އިންނެވެ.