ބެއިޖިންގް (31 މެއި)- ދުނިޔޭގެ އަންމެ ބޮޑު އާބާދީ އޮތް ގައުމު ކަމަށްވާ ޗައިނާގެ ކޮންމެ ދެމަފިރިއަކު ޖުމްލަ ތިން ކުދިން ހޯދުން އެ ގައުމުގައި ހުއްދަ ކޮށްފި އެވެ.

އާބާދީ ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މީގެ ކުރިން އެ ގައުމުގެ ކޮންމެ ދެމަފިރިއަކަށް ވެސް ހޯދެނީ އެންމެ ކުއްޖެކެވެ. މި ނިންމުމާއެކު 40 އަހަރު ވަންދެން އެ ގައުމުގައި އޮތް ހަރުކަށި އާއިލާ ރޭވުމުގެ ސިޔާސަތުތަކަށް ލުޔެއް ލިބިގެން ދާނެ އެވެ.

މި ނިންމުމަކީ 2020 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ބޯހިމެނުމުން އެ ގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ ދަށްވަމުން ދާތީ އެޅި ފިޔަވަޅެއް ކަމަށް ދައުލަތުގެ މީޑިއާ ޝިންހުއާ އިން ބުނެ އެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ ވަޒީފާ އަދާކުރާ އުމުރުގެ އާބާދީ ދަށްވުމަކީ އެކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ.

އާއިލާ ރޭވުމަށް ޗައިނާގެ ސަރުކާރުން އެ ގައުމުގެ އާއިލާތަކަށް ބާރު އެޅިކަމުގައި ވިޔަސް އެގައުމުގައި އަލަށް ކުދިން އުފަންވާ އަދަދުތައް އުޅެނީ ވަރަށް ދަށުގަ އެވެ. އަދި އެ ގައުމުގެ އާބާދީގައި ޖިންސުގެ ހަމަހަކަން ކުޑަވަމުންދާ ކަމަށް ބޯހިމެނުމުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ސަބަބަކީ އަންހެން ކުދިން އެބޯޓް ކުރުމާއި އަންހެން ކުދިން ޅަފަތުގައި ދޫކޮށްލުން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި ޗައިނާގެ މިވަގުތުގެ އާބާދީ އަކީ 1.41 ބިލިއަން މީހުންނެވެ. -- އަލް އަރަބިއްޔާ