އަމީތާބު ބައްޗަން އަކީ ބޮލީވުޑްގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ފިލްމީ ތަރި ކަމަށް ދެބަސްވާނެ މީހަކު މަދުވާނެ އެވެ. 1970 އަދި 1980 ގެ އަހަރު ތަކުގައި އޭނާ އާ އަޅާކިޔޭ އެހެން ފިލްމުސްޓާރެއް ފެނިފައި ނުވާކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރި ކަމަށް ފެންނަ އަމީތާބު މިވަނީ ބޮލީވުޑް ގައި އޭނާ ހޭދަކުރި 52 އަހަރު ފާހަގަކޮށް ޕޯސްޓެއް ކޮށްފަ އެވެ.

އޭނާ ކުޅެފައިވާ ގިނަ ފިލްމު ތަކެއްގެ ކޮލާޖް ހިމެނޭގޮތަށް ހިއްސާ ކޮށްފައިވާ އެ ފޮޓޯގެ ކެޕްޝަން އެއްގެ ގޮތުގައި އަމީތާބު ބުނެފައިވަނީ 52 އަހަރު ފާއިތުވެގެންދިޔަ ގޮތާ މެދު އަދިވެސް ފިކުރު ކުރާ ކަމަށެވެ.

https://www.instagram.com/p/CPgjRI1BUls/?utm_source=ig_embed&ig_rid=df55fc0d-3329-4ca3-80ea-b2bae26d0e1c

އަމީތާބުގެ 52 އަހަރުގެ ދިގު ބޮލީވުޑް ތާރީހު ގައި އޭނާ ވަނީ ދީވާރު، ޒަންޖީރު، ކޫލީ، ބާގުބާން އަދި ކަބީ ޚުޝީ ކަބީ ޣަމް ފަދަ ފާހަގަކޮށްލެވޭ ފިލްމުތަކެއް ކުޅެފަ އެވެ.

މީގެ ތެރެއިން ފިލްމު ކޫލީ އަކީ އަމީތާބު މަރުގެ ތުންފަތް މައްޗަށް ވައްޓާލި ފިލްމެއް ކަމުގައި އޭނާ ބުނެ އެވެ. އެ ފިލްމުގެ ވިލަން އާ އެކު އެކްޝަން މަންޒަރެއް ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ މުމްބާއީ ހޮސްޕިޓަލެއްގެ އައި ސީ ޔޫ ގައި ފަރުވާ ހޯދާފަ އެވެ.

އަމީތާބުގެ މި ކާމިޔާބާއެކު ބޮލީވުޑް ގެ ގިނަ ތަރިންތަކެއް ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ. އޭގެ ތެރޭގައި މޯނީ ރޯއީ އާއި ޝިލްޕާ ޝަޓީ ގެ އިތުރުން ޝަމީތާ ޝަޓީ ހިމެނެ އެވެ.

ފިލްމީ މަސައްކަތް ތަކަށް ބަލާލާއިރު އަމީތާބު ދަނީ ގިނަ ޕްރޮޖެކްޓް ތަކެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޝްހޫރު އިގިރޭސި ފިލްމެއް ކަމަށްވާ ދަ އިންޓާން ގެ ހިންދީ ރީމޭކް ގެ މަސައްކަތް ފާހަގަ ކޮށްލެވެ އެވެ.