އިންޑިއާގެ މަޝްހޫރު ޑްރާމާ ސީރީޒްއެއް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" ގައި ނައިތިކްގެ ރޯލުން ފެނިގެން ދިޔަ ކަރަން މެހްރާ ފުލުހުން ހައްޔަރުކޮށްފި އެވެ.

ގިނަ އަހަރުތަކެއް ވަންދެން ޔޭ ރިޝްތާގެ ލީޑު ރޯލް ކުޅުނު ކަރަން ހައްޔަރު ކުރީ އަންހެނުން ނިޝާ ރާވަލް އޭނާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.

ނިޝާގެ ރިޕޯޓުގައި ކަރަން އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ކަމަށް ބުނެފައިވާއިރު ފުލުހުންނަށް ރިޕޯޓު ކުރަން މަޖުބޫރުވީ ޒުވާބެއްގެ ތެރެއިން ކަރަން އޭނާ ކޮއްޕާލުމުން ފާރެއްގައި ޖެހި ބޮލަށް އަނިޔާވުމުން ކަމަށެވެ.

މި ތުހުމަތުތައް ދޮގުކޮށް ކަރަން ބުނެފައިވަނީ ނިޝާ އޭނާގެ ބޯ ފާރުގައި ޖެހީ އަމިއްލައަށް ކަމަށާއި އޭނާ ބަދުނާމުކުރަން ނިޝާއާއި އޭނާގެ އާއިލާއިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ވަރިވާން ކޯޓަށް ހުށައަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަރަން އާއި ނިޝާ އާ ދެމެދު މައްސަލަ ޖެހިފައިވާ ކަމުގެ ރިޕޯޓުތައް ދާދިފަހުން ވަނީ މީޑިއާގައި ދައުރުވެފަ އެވެ.

އެ ދެމީހުންގެ ކައިވެންޏަށް 14 އަހަރު ވެފައިވާއިރު އެ ކައިވެންޏަށް ވަނީ ދަރިއަކު ވެސް ލިބިފަ އެވެ. ދެމަފިރިން އެކުގައި ނަޗްބަލިއޭ 5 އިން ވެސް ފެނިފައިވެ އެވެ.