މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެމްއެންޑީއެފް އިން ހުރަސްއަޅާ ކަމަށް އެމްޑީޕީގެ ދެ މަޖިލިސް މެމްބަރަކު ތުހުމަތު ކުރައްވައިފި އެވެ.

މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަމަތީ ޚިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށްބުނެ އެމްއެންޑީއެފް އިން ބަޔާނެއް ނެރުމަކީ އެ ތަހުގީގަށް ހުރަސްއެޅުން ކަމަށެވެ.

މަޖިލީހުގެ ކޮމިޓީއަށް ހާޒިރުނުވެ، ފިލައިގެން ތިބެ ސިއްރު ސިއްރުން ސިފައިންނަށް އެ ހަމަލާއާ ގުޅިގެން މައުލޫމާތު ދެވޭ ކަމަށް ވިދާޅުވެ އިންތި ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ވަނީ ވަކި ވަކި ސިފައިންގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައިވާ ބޮޑު އިހުމާލުގެ މައްސަލަ ބެލިޔަނުދޭން ސިފައިން ބަހަނާ ދައްކާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައި ތިބި މީހުން ހޯދުމަށްޓަކައި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ތަހުގީގު ލަސްކަމަށް ބުނެ، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ.