ބެއިޖިން (05 ޖޫން) - ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގައި އާއިލާ ރޭވުމުގެ ސިޔާސަތުތަކަށް ދާދި ފަހުން ގެނެވުނު ބަދަލުތަކާ އެކުވެސް އެ ގައުމުގެ އާބާދީ އޮތީ ބިރެއްގެ ތެރޭގަ އެވެ.

އާ ބަދަލުތަކާއެކު މިހާރު ޗައިނާގެ އާއިލާތަކަށް ތިން ދަރިން ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އެއާއެކު އެ ގައުމުގައި 40 އަހަރު ވަންދެން އޮތް އެއްދަރި ސިޔާސަތު ނިމުމަކަށް އައީ އެވެ.

ނަމަވެސް ޒަމާންތަކަށް ދެމެމުންއައި އެ ސަގާފަތް އަވަހަށް ބަދަލުވުން އެއީ ނާދިރު ކަމެކެވެ. ގެނެވުނު ބަދަލުތަކާއެކު ވެސް ޗައިނާގެ ގިނަ އާއިލާތަކުން އެމީހުންގެ އާއިލާތައް ބޮޑު ކުރާކަށް ބޭނުމެއް ނުވެ އެވެ.

"އަހަރުމެންނަށް އެކަނި އުޅެވޭނެ، އަހަރުމެން ދަރިން ބޭނުމެއް ނޫން،" ޗައިނާގެ ޔުނިވާސިޓީ ގްރެޖުއޭޓަކު ބުންޏެވެ.

އޭޝިއާގެ ގައުމުތަކަކީ ނިސްބަތުން އަލަށް ކުދިން އުފަންވާ ރޭޓް ދަށް ގައުމު ތަކެކެވެ. ޗައިނާގައި މިދިޔަ ހޯމަ ދުވަހާ ހަމައަށް އޮތް ސިޔާސަތުތަކާއެކު އެ ގައުމުގެ ފާޓިލިޓީ ރޭޓް އުޅެނީ 1.3 ޕަސެންޓްގަ އެވެ.

"އަހަރުމެން މަދުވެގެން ދެކުދިން ބޭނުން. އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް. ހާލަތު ތަންދޭނަމަ ތިންވަނަ ކުއްޖަކު ވެސް ހޯދާނަން،" އަލަށް ކައިވެނި ކުރި 30 އަހަރުގެ ޑރ. ޑިންގް ބުންޏެވެ.

ޗައިނާގެ ސަރުކާރުން ދަނީ އެގައުމުގައި އަލަށް އުފަންވާ ކުދިން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގައުމުގެ އާބާދީ މުސްކުޅިވެ ވަޒީފާއަށް ނުކުންނަ އުމުރުގެ އާބާދީ ދަށްވުމުގެ ސަބަބުން ކުރިމަތިވާނެ އިގްތިސާދީ އަނދަވަޅަކުން ސަލާމަތް ވުމަށްޓަކަ އެވެ.

ކޮންމެއަކަސް އާއިލާ ރޭވުމުގެ ސިޔާސަތުތަކާ މެދު ޗައިނާގެ ރައްޔިތުންގެ މެދުގައި ގިނަ ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ.

ރައްޔިތުންގެ ތެރޭގައި ޒަމާންތަކަކަށް ދެމިފައި އޮތް އިޖުތިމާއީ ވިސްނުމާއި ފިކުރު ބަދަލުކޮށްލަން އެގައުމުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. –- ދަ ސްޓްރެއިޓް ޓައިމްސް