އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕް ރޭގެ ވަގުތެއްގައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އުމުރުން 74 އަހަރު ފުރިފައިވާ ޓްރަމްޕްއަކީ، އުމުރުން 20 އަހަރުގެ ޕޭޝަންޓަކާ އަޅާ ބަލާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހިދާނެ ކަމުގެ ރިސްކު ފަސް ގުނަ އަށް ބޮޑު މީހެއް ކަމަށާއި މި ބަލީގައި މަރުވެދާނެ މީހެއް ކަމުގެ 90 ގުނަ ރިސްކު ބޮޑު މީހެއް ކަމަށް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ އަދަދުތަކުން ދައްކައިފި އެވެ.

ޓްރަމްޕް އަދި މެލޭނިއާ ވައިރަހަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައި މިވަނީ ވައިޓް ހައުސްގެ އިސް މުޝީރެއް ކަމަށްވާ ހޯޕް ހައިކްސް ޕޮޒިޓިވްވިކަން ހާމަކުރިތާ ދެތިން ގަޑިއިރުގެ ތެރޭގަ އެވެ.

ޓްރަމްޕް އާއި ހައިކްސް ވަނީ އަރިހުގައި މިފިޔަ ހަފްތާގެ ތެރޭގައި އެއާ ފޯސް އިން އެތައް ފަހަރަކު ދަތުރުކޮށްފަ އެވެ. އަދި ޕްރެޒިޑެންޝިއަލް ޑިބޭޓްސް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ދެ ބޭފުޅުން ވަނީ ވަޑައިގެންފަ އެވެ.

އެހެން ނަމަވެސް ހައިކްސް އަކީ އުމުރުން 31 އަހަރުގެ ބޭފުޅެއް ކަމުން ޓްރަމްޕާއި އަޅާ ބަލާއިރު އެއީ ލޯ ރިސްކު ބޭފުޅެކެވެ. ސީޑީސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 65-74 އަހަރާއި ދެމެދުގެ މީހުންނަކީ އުމުރުން 18-29 އަހަރާއި ދެމެދުގެ މީހުންނާއި އަޅާބަލާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ ރިސްކު ފަސް ގުނަ ބޮޑު މީހުންނެވެ.