އިންޑިއާގެ އެންމެ ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ބިގް ބޮސް ސީޒަން 15 ގައި ރާކީ ސާވަންތް ބައިވެރިވާން ބޭނުންވާ ކަމަށް ބުނެފި އެވެ.

ނިމިދިޔަ ބިގްބޮސް ސީޒަން 14 ގައި ނުފޫޒުގަދަ ބައިވެރިއެއްގެ މަގާމުން ފެނިގެންދިޔަ ރާކީ ވަނީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ. އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި ރާކީ މިވަނީ އޭނާ ބިގްބޮސް 15 ބައިވެރިއަކަށް ވާން ބޭނުންވާކަން ހާމަކޮށްފަ އެވެ. ރާކީ މިކަން ހާމަކޮށްފައި މިވަނީ އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ ސަޕޯޓަރަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

އެގޮތުން ރާކީ ވަނީ އޭނާ ބިގްބޮސް 15 ގައި ބައިވެރިވާން ބޭނުންވާ ކަމަށާއި އަދި މުބާރާތުގެ ޓްރޮފީ ވެސް ހާސިލްކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ. ނިމިދިޔަ ބިގްބޮސް ސީޒަން 14 ގައި ރާކީ އޭނާގެ ޒާތީ ވާހަކަތަކެއް ހިއްސާކުރުމުގެ ސަބަބުން އޭނާ އަށް ވަނީ ގިނަ ބައެއްގެ ލޯތްބާއި ހަމްދަރުދީ ލިބިފަ އެވެ. އަދި ހަމަ އެއާއެކު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވެސް އޭނާ އަށް އަމާޒުވި އެވެ.

ރާކީ ވަނީ ނިމިދިޔަ ބިގްބޮސް ސީޒަން 14 ގައި ގަދަ ފަހެއްގައި ރުބީނާ ދިލައެކް، ރާހުލް ވައިދްޔަ، އަލީ ގޯނީ އަދި ނިކީ ތަންބޯލީ އާއެކު ވާދަކޮށްފަ އެވެ. ރާކީ ސާވަންތު ބިގްބޮސް ސީޒަން 15 އިން ފެނުމަކީ ހަމަ ގައިމު ވެސް ރާކީގެ ފޭނުން ވަރަށް އުއްމީދުކުރާނެ ކަމެކެވެ.