މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އޮންލައިން ކުއިޒެއް ބާއްވަން ނިންމައިފި އެވެ.

އެމްއެމްސީއިން ބުނީ "މޯލްޑިވްސް މީޑިއާ ކައުންސިލް ކުއިޒް 2021" ނަމުގައި އޮންލައިން ކުއިޒެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 1 ން ފެށިގެން ޖުލައި 30 ގެ ނިޔަލަޔަށް ކަމަށެވެ. އަދި ކުއިޒްގައި ބައިވެރިވުމަށް ރަޖިސްޓްރީވާން ހުޅުވާލާ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްއެމްސީން ބުންޏެވެ.

މީޑިއާ ކައުންސިލުން ބުނީ ކުއިޒްގައި ރަޖިސްޓަރީވުމުގެ ފުރުސަތު ރަސްމީގޮތެއްގައި އެ ކައުންސިލްގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް އަދި ޓުވިޓާ މެދުވެރިކޮށް އާންމު ކުރާނެ ކަމަށެވެ. އަދި އެއާއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުއިޒްގައި ބައިވެރިވުމަށް އަމަލުކުރަން ޖެހޭ ގޮތްތަކަށް ފުރިހަމައަށް ތަވާބުމަށް ވެސް މީޑިއާ ކައުންސިލުން އެދިފައިވެ އެވެ.

ކުއިޒުގެ ސުވާލުތައް މީޑިއާ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖުލައި 1 އިން ފެށިގެން އެ ދުވަހެއްގެ ސުވާލުތައް އެ ދުވަހުގެ 1:00 ގައި ފޭސްބުކްގައި ޝާއިރުކުރެވޭނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

މި ކުއިޒުން އެއްވަނަ ލިބޭ ފަރާތަށް 3،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނައަށް ދާ ފަރާތަށް 2،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން ކުރިޔަށް ގެންދާ ކުއިޒުގެ މަގުސަދަކީ މީޑިއާ ކައުންސިލުން ހިންގާ މައުލޫމާތާއި، ހިންގާ ހަރަކާތްތަކާއި އަދި މީޑިއާގެ އެހެނިހެން ކަންތައްތަކާއި މެދު އާންމުން ހޭލުންތެރިކުރުވުމެވެ. އަދި މީޑިއާ ކައުންސިލްގެ އާއްމު މައުލޫމާތާއި، މަސައްކަތާ ގުޅޭގޮތުން އާންމު ރައްޔިތުންނަށް މައުލޫމާތު އެނގެނީ ކިހާވަރަކަށްތޯ ދެނެގަތުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ގޭގައި ތިބެގެންޖެހިފައިވާ ދަނޑިވަޅެއްގައި މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތެއްކޮށް އިނާމެއް ހޯދުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް ކުއިޒު ކުރިޔަށްގެންދާ މައިގަނޑު އެއް ސަބަބު ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.