ރިވެތި އަޚުލާޤަކީ އެންމެ ވެސް ބަލައިގަންނަ ސިފައެކެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހެއްގެ ކިބައިގައި ހުރުމަށް އެދޭނީ ރިވެތި އަޚްލާޤެވެ. ހުތުރު ސިފައެއް ނުވަތަ ގޯސް އަޚްލާޤެއްގެ ވެރިއަކަށް ވުން އެއީ އެކަކު ވެސް އެދޭނެ ކަމެއް ނޫނެވެ. ތިމާގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް އަށަގެންނެވުމަށްޓަކައި، އިސްވެ ގޮސްފައިވާ ނަމޫނާއަށް ބަލަންވާނެއެވެ.

ކޮންމެ މުޖްތަމަޢެއްގައި ވެސް ދޮށީ މީހުންނާއި، ކަންކަމަށް ގޮތްކިޔާ އުޅޭ ހަރު މީހުން ނަމޫނާއެއް ކަމުގައި ބަލައިގަތުން އެއީ ދެ މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެގޮތުން ބަލާއިރު އިސްލާމީ މުޖުތަމަޢުގައި އެ މަޤާމުގައި ހުންނެވީ މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ﷺއެވެ. އެކަލޭގެފާނުގެ އަޚްލާޤު ރިވެތިކަމާއި ޚުލްޤުފުޅުގެ މަތިވެރިކަމަށް ހެކިވެވޮޑިގެން މާތް ﷲ سبحاته وتعالى ކީރިތި ޤުރްއާނުގައި ބަޔާން ކުރަށްވަނީ ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ﴾ (سورة القلم: ‎٤) މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ."

އިތުރު އެކަލޭގެފާނު އެއީ ހުރިހާ ރިވެތި ސިފައެއް އެކެއްގެ ކިބައިގައި ޖަމާވެފައިވާ ހަމައެކަނި އިންސާނާއެވެ. ބައްޕާފުޅެއްގެ ހައިޞިއްޔަތުން ދަރިދަރިކަލުންނަށް އެންމެ ފުރިހަމަ ތަރުބިއްޔަތާއި އަޅައިލެއްވުން ދެއްވިއެވެ. ފިރިކަލެއްގެ ހައިސިއްޔަތުން އަނބިއަނބިކަނބަލުންނަށް އެންމެ ބޮޑަށް އޯގާތެރިވެ ވަޑައިގެންނެވިއެވެ. ރަހުމަތެރިއެއްގެ ހައިސިއްޔަތުން، އެކުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓެވިއެވެ. ޓީޗަރެއްގެ ހައިސިއްޔަތުން، ފަސޭހައިން ދޭހަވާނެ ފިލާވަޅުތަކެއް ދެއްވިއެވެ. ލީޑަރެއްގެ ހައިސިއްޔަތުން ޤައުމެއްގެ އަމަން ބެލެހެއްޓެވިއެވެ. ޤާއިދެއްގެ ހައިސިއްޔަތުން ހަނގުރާމަވެރިންގެ ލަޝްކަރުތައް ރުކުރުވައިލެއްވިއެވެ. ރަސޫލާގެ ހައިސިއްޔަތުން ޝާމިލް ކާމިލް ދީނެއް މީސްތަކުންނަށް ބައްލިޣުކޮށްދެއްވިއެވެ.

މި ހުރިހާ ސަބަބަށްޓަކައި މި ޒަމާނުގެ ފޮތްފޮތުގައި ވެސް އެންމެ ވަރުގަދަ ޝަޚްޞިއްޔަތުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯއްދަވަނީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ﷲގެ ޙަބީބު މުޙައްމަދު ﷺއެވެ. ޚުލްޤުގެ އެންމެ މަތިވެރި ނަމޫނާކަމުގައި އިތުރު އެކަލޭގެފާނުގެ ވެވަޑައިގަތީ ﷲ ގެ ޙަޟްރަތުން ވަޙީ ލިބިވަޑައިގެން، ރަސޫލުކަން ފާޅުކުރެއްވި ފަހަކުން ނޫނެވެ. އަދި ކިޔެއް މަތިވެރިކަމެއް ލިބިދާނެ އެއްވެސް ސަބަބެއް ނެތި ޔަތީމަކުކަމުގައި ހުންނަވައި ބޮޑުފުޅުވީފަހުން މައްކާގެ އެންމެންގެ ހިތުގައި އެކަލޭގެފާނަށް ލޯބިޖެހި އެކަން އިތުރު ވޭވޭ ހުއްޓެވެ. ޚާއްޞަގޮތެއްގައި އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން އެމީހުންގެ ތެރޭގައި އެކަލޭގެފާނު މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލް-އަމީން (އެންމެ އަމާނާތްތެރި ކަލޭގެފާނު)ގެ ނަމުގައެވެ.

އެފަދަ މަތިވެރި ނަމޫނާ ޝަޚްޞިއްޔަތަކަށް ތަބައަވުމުގެ ތައުފީގު ދެއްވިކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރުހުއްޓެވެ. އެކަލޭގެފާނު ގެންނެވި ރިސާލަތުގެ މަތީ މަރުވެދިއުމުގެ ތައުފީގު އަޅާމެން އެންމެނަށް ދެއްވާނދޭވެ! آمين.