ފެންނަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުގެ އަބުރުފުޅުގެ އަގު މަތިކުރަން އުޅޭތަން ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދަށް ރައްދު ދެއްވައިފި އެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވީ އެ ޕްރޮގްރާމުގައި އޭނާ ވާހަކަ ދެއްކެވީ އަސްލު މައްސަލައަށް ކަމަށެވެ.
ބިގޭ ވާހަކަ ދެއްކެވީ ވަކި މީހަކު މޮޅުކޮށް ނުވަތަ ދެރަކޮށްފައި ނޫން ކަމަށާއި ނިންމުންތައް ނިންމުމުގައި އިސްކަންދެނީ ވަގުތާއި ހާލަތަށް ބަލައި، އެއިރެއްގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
މެޑަމް ފަޒްނާގެ އެ ވާހަކަފުޅާ ގުޅިގެން މެމްބަރު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރުވެސް މިފެންނަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ މައްސަލައިގާވެސް ފެންނަނީ ނުބަލަން ދައްކާ ކޮންމެ ބަހަނާއެއް ދިފާއު ކުރަން އުޅޭތަން ކަމަށެވެ.
ބިގޭއާ މެދު ރައީސް ނަޝީދު ފެކްޝަނުން ހިތްހަމަނުޖެހިގެން އުޅެނީ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބޭރުކޮށްލުމުގެ އަޑީގައި ހުންނެވީ ބިގޭ ކަމަށް ބުނެ އެވެ. އެ ތުހުމަތު ބިގޭއަށް ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ބޮޑުދައިތަގެ ދަރިކަލުން އީވާ އަބްދުﷲ އެވެ.
ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅުންނާއި ބިގޭއާ ދެމެދު އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ރައްދު ކުރަމުންނެވެ.
ބިގޭއަށް އަމާޒުކޮށް ދައްކާފައިވާ ވާހަކަތަކުގެ ރައްދުގައި އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ހިންގާ އިންކުއަރީއަށް އޭނާ ހުރަސްއަޅާފައި ނުވާނެ ކަމަށެވެ. އަދި ތުތިމަހަށް ކޮށައި ކާޅަށް ކާންދިނަސް ހައްގު ބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެޑަމްގެ މަގާމުގައި އިބްރާހިމް މުޙައްމަދު ޞާލިޙަކީ، ޅިޔަނެއްނޫން. ފިރިކަލުން. އަދި ބޭފުޅުންގެ ބައްޕަ. އޭގެ އިތުރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ.