އެމްޑީޕީއަށް ވަފާތެރިން ވަކިކުރިއިރު އެކަމާ އުފާފާޅު ކުރަންތިބި މީހުންނަށް މިއަދު އެފަދަ ކަންކަމާއި ދިމާވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ މޫސާ މަނިކު ވިދާޅުވީ އޭނާ އެމްޑީޕީއިން ވަކިކުރި އިރު އެކަމާއި އުފާ ފާޅުކުރި މީހުންނަށް މިހާރު އެކަންކަމާއި ކުރިމަތިލާ ޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ހަގީގަތާއި އެމްޑީޕީ މެމްބަރުން ކުރިމަތިލާ ޖެހޭނެ ކަމަށް ވެސް މޫސާ ވިދާޅުވި އެވެ.
މީގެ އިތުރުން މޫސާ ވިދާޅުވީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ގޯގޯ ލަތީފާއި ޑރ. މުނައްވަރު އަދި އިބްރާގެ އިތުރުން ޑރ.ޑީޑީއާއި އަލްހާން ފަހުމީ އަދި އަލީ ވަޙީދާއި މޫސަ ފަދަ އެތައް ބަޔަކު ތަޅައި އެ ޕާޓީން ބޭރުކުރި އިރު އަތްޖަހާ މަލާމާތް ކުރަން ބަޔަކު ތިބި ކަމަށެވެ.
މޫސާ މިހެން ވިދާޅުވީއިރު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ ޕާޓީ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިގެން ގޮސްފަ އެވެ.
އަދި މީގެ އިތުރުން އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ހަސަން ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރާއި އެމްޑީޕީއާ ދެމެދު ގުޅުން ވަނީ ހީނަރުވެފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް މިހެންވާ ޖެހުނީ ރައީސް ނަޝީދު އެކަހެރިކޮށް ޕާޓީ ހިންގަން އުޅުމުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް މޫސަ އެމްޑީޕީ ޕާލިމެންޓް ގުރޫޕުން ވަކި ކުރީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކި ކުރުމަށް އެމްޑީޕީގެ ވިޕާ ޚިލާފަށް ވޯޓް ދެއްވުމުންނެވެ. ނަމަވެސް އެ މައްސަލައިގައި ވިޕާ ޚިލާފަށް ވޯޓް ދިން ފަސް މެމްބަރަކަށް ނަސޭހަތް ދިނުމަށް ފަހު މޫސަ ޕީޖީ ގުރޫޕުން ވަކި ކުރި ކަމަށް ބުނެ އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭގެ ފަހުން އެ ޕާޓީއާ ވަރަށް ދުރުގައި އުޅުއްވުމަށް ފަހު މޫސަ އެންމެ ފަހުން ފެނުނީ އޭރު ވެރިކަން ކުރި ޕީޕީއެމްއިންނެވެ. ނަމަވެސް ޕީޕީއެމް ވެރިކަމުން ވެއްޓުމަށް ފަހު އޭނާ ވަނީ ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފަ އެވެ.
އެމްޑީޕީގެ ތެރޭގައި މައްސަލަ ބޮޑުވެގެން ދިޔަ ރައީސް ނަޝީދު މަޖިލީހުގެ ކޮމެޓީއަށް ހުށަހެޅި މައްސަލައެއް އެޕާޓީގެ މަޖިލިސް މެމްބަރުންގެ ތާއީދާއެކު ބޭރުކޮށްލުމުންނެވެ. މިކަމުގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށް ރައީސް ނަޝީދުއާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އެހެން ނަމަވެސް މަޖިލިހަކަށާއި ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާކަމަށް ރައިސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް އެންމެ ފަހު އެމްޑީޕީ ގައުމީ މަޖިލީހުގައި ރައީސް ނަޝީދުގެ ދިފާއުގައި ހުށަހެޅި ގަރާރަށް ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނޭ އެއްވެސް ވަޒީރަކު ވާހަކަ ދައްކަވާފައިނުވެ އެވެ.
ރައީސް ނަޝީދުގެ ދިފާއުގައި މިހަތާނަށް އެއްވެސް ވާހަކައެއް އެވަޒީރުން ހާމަނުކުރާކަން ފާހަގަ ކުރެވެ އެވެ.