މައްކާ (14 ޖޫން) - ކޮވިޑް -19ގެ ހާލަތުގައި އންސާނެއްގެ އެހީއާ ނުލައި މަސްޖިދުލް ހަރަމް އަދި މަސްޖިދުލް ނަބަވީގައި ޒަމްޒަމް ފެން ބެހުމަށް އުފެއްދި އާ ޓެކްނޮލޮޖީއެއް ކަމަށްވާ ސްމާޓް ރޮބޮޓް ސައޫދީއަރަބިއާގެ ދެ ހަރަމާ ބެހޭ އިދާރާގެ ރައީސް އަބްދުލް ރަހްމާން އަލް ސުދައިސް އިފްތިތާހް ކޮށްދެއްވައިފި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސުދައިސް ވިދާޅުވީ ކޮވިޑް-19 ފަދަ ހާލަތެއްގައި ފަހުގެ ޓެކްނޮލޮޖީތަކަކީ އިންސާނީ ނަސްލަށް ނުހަނު ބޭނުންތެރި އެއްޗެއް ކަމަށާއި ދެ ހަރަމްގައި އަލަށް ތައާރަފް ކުރި ޓެކްނޮލޮޖީގެ ސަބަބުން މިސްކިތްތަކުގައި އަޅުކަންކުރާ މީހުންގެ ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމަށެވެ.

މި ރޮބޮޓްތަކުން، ދެ ހަރަމްގެ ގޯތި ތެރޭގައި އަޅުކަންކުރާ މުސްލިމުންނަށް އެހެން އިންސާނެއްގެ އެހީއާ ނުލާ ޒަމްޒަމް ފެން ލިބޭނެ އެވެ. އެގޮތުގެ މަތިން އެކަކު އެނެކަކާ ބައްދަލުވުން މަދުވެ، ބަލި ފެތުރުމުގެ ފުރުސަތު ކުޑަވެ އެވެ.

ފާއިތުވި ހަފުތާގައި މަސްޖިދުލް ހަރާމްގެ ސާފުތާހިރުކަން ބެލެހެއްޓުމަށްޓަކައި ވަނާ އިތުރު ދިހަ ރޮބޮޓެއް ގެނެސްފަ އެވެ. މިއީ ވެސް ހަރަމްފުޅުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ޔަގީންކުރަން އެޅި ފިޔަވަޅެކެވެ.

ފެން ބެހުމަށް ބޭނުންކުރާ ރޮބޮޓްތަކަކީ ބެޓެރިން ޗާޖު ކުރެވޭ ޓެކްނޮލޮޖީއަކަށް ވާއިރު، އަށްގަޑިއިރާ ހަމައަށް މި ރޮބޮޓްތަކުން އިންސާނެއްގެ އެހީއާ ނުލާ ފެން ބަހާނެ އެވެ.

މި އަހަރުގެ ހައްޖު މޫސުން ގާތްވެފައިވާއިރު، ސައޫދީ ސަރުކާރުން ވަނީ މިއަހަރުގެ ހައްޖުގައި ބައިވެރި ވެވޭނީ އެގައުމުގައި ދިރިއުޅޭ 60،000 މީހުންނަށް އެކަނި ކަމަށް އިއުލާން ކޮށްފަ އެވެ.