އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަން ހިންގާފައި ވަނީ ސީދާ ރާއްޖޭގެ އިންޓެލިޖެންސް އާއި ފުލުހުންގެ މަސައްކަތުން ކަމަށެވެ. އެހެން ނަމަވެސް ތަހުގީގު ކުރިޔަށްދާނީ ބައިނަލްއަގުވާމީ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު އެހެން ވިދާޅުވި ނަމަވެސް އެ އޮޕަރޭޝަންގެ މައުލޫމާތު މިހާތަނަށް އެންމެ ތަފުސީލްކޮށް ހާމަކޮށްފައި ވަނީ ޕާކިސްތާނުގެ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސްއާ ހަވާލާދީ އެ ގައުމު ނޫސްތަކުންނެވެ.
ކޮމިޝަނަރު ހަމީދު އެހެން ވިދާޅުވިއިރު ޕާކިސްތާނުގެ ނޫހެއްގައި ބުނެފައި ވަނީ ހޮނިހިރު ދުވަހު އެ އޮޕަރޭޝަން ހިންގީ ބައިނަލްއަގުވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ގުޅިގެން އަރަބިއަން ސީގެ ރާއްޖޭގެ ސަރަހައްދުން ކަމަށެވެ. އެ ނެޓްވޯކާއެކު އަތުލައިގަތް ޑްރަގްގެ އަގު އެތައް މިލިއަން ޑޮލަރެއް އަރާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ކޮމިޝަނަރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ ދިވެހި ފުލުހުން މަސައްކަތްކުރަނީ ޑްރަގް ސަޕްލައި ހުއްޓުވުމަށް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ތަފުސީލެއް ނުދިން ނަމަވެސް، ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ ތަރުޖަމާނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ކަނޑުމަތީގައި ހިންގި އެ އޮޕަރޭޝަނުގައި ތިން މީހަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ވެސް އަތުލައިގަނެވުނީ ޕާކިސްތާނުގެ އިންޓެލިޖެންސް އިން ފޯރުކޮށްދިން މައުލޫމާތުގެ އަލީގައި ވަގުތުން ވަގުތަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.