ފުޓްބޯޅަ ދަނޑުގައި އެންމެ ނަން ހިނގާ އެއް ގައުމުކަމަށް އިނގިރޭސިވިލާތް ހިމެނޭނެކަން އެއީ ޔަގީން ކަމެކެވެ. ވޯލްޑް ކަޕް ފަދަ ދުނިޔޭގެ ބޮޑެތި ފްޓްބޯޅަ މުބާރާތްތައް އިނގިރޭސި ޓީމާ ނުލައި ފުރިހަމަ ނުވާނެއޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެ އެވެ.
އިނގިރޭސި ޕްރީމިއާ ލީގަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު ލީގްކަމަށް ވާނެ އެވެ. މިހުރިހާ ކަމަކާއެކު އިނގިރޭސިންނާއި ފުޓްބޯޅައާ އޮތީ ކޮންކަހަލަ ގުޅުމެއްތޯ ބަލާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ފުޓްބޯޅައިގެ ތާރީޚަށް ބަލައިލާއިރު ފައިން ތަޅައިގެން ކުޅޭ ބޯޅައިގެ ތަފާތު ބާވަތްތަކެއް ދުނިޔޭގެ ތަފާތު ހިސާބުތަކުގައި ރެކޯޑު ކުރެވިފައި ވެއެވެ. ގަދީމީ ޗައިނަގަ އާއި ތުރުކީގެ ރަސްކަމުގެ ކޮއިލުތެރޭގައި ވެސް މި ބާވަތުގެ ބޯޅަ ކުޅުމާ ބެހޭ ގަވައިދުތަކެއް ލިޔެވިފައި އޮތް ކަމުގައި ވެ އެވެ. ނަމަވެސް މިޒަމާނުގެ ފުޓްބޯޅަ ނުވަތަ ސޮކާއަކީ އިނގިރޭސިވިލާތުން އުފަންވެ، އެ ގައުމުގައި ތަރައްގީވެގެން އައި ކުޅިވަރެކެވެ.
މީލާދީން 12 ވަނަ ގަރުނު ހިސާބުގައި މި ޒަމާނުގެ ފުޓުބޯޅައާ ދާދި އެއްގޮތަކަށް އިނގިރޭސިވިލާތުގައި ބޯޅަ ކުޅެ އުޅުނެވެ. މި ބޯޅަ ކުޅެ އުޅުނީ ފައިން ކޮށްޓައިގެންނާއި އަތުން ވެސް ޖަހައިގެންނެވެ. މި ކުޅިވަރު އެޒަމާނުގައި ކުޅެ އުޅެނީ ގިނަ ބަޔަކު އެއްތަންވެ މަގުމަތީގަ އާއި އާންމު ތަންތަނުގަ އެވެ.
އެދުވަސްވަރު ފުޓުބޯޅަ ހިމެނުނީ ވަރަށް ބިރުވެރި ކުޅިވަރެއް ގޮތުގަ އެވެ. ކުޅޭ މީހުންނަށާއި ކުޅޭ ހިސާބުގަނޑަށް ވެސް ވަރަށް ބޮޑެތި ގެއްލުންވެ، ބައެއް ފަހަރު ކުޅުންތެރިންގެ ފުރާނަ ގެއްލޭ ހިސާބަށް ވެސް ދެ އެވެ. ނަތީޖާއެއްގެ ގޮތުން މި ކުޅިވަރު ކުޅުން އެއްކޮށް މަނާ ކުރެވުނެވެ.
މަނާ ކުޅިވަރެއްގެ ގޮތުގައި ދެތިން ގަރުނު ވަންދެން އޮތުމަށް ފަހު އަނެއްކާ ވެސް އިނގިރޭސިވިލާތުގެ މަގުތަކަށް 17 ވަނަ ގަރުނުގައި އަލުން ފުޓުބޯޅަ ތައާރަފުވި އެވެ. 1835 ގައި އަނެއްކާ ވެސް އެގައުމުގައި ފުޓުބޯޅަ ކުޅުން މަނާ ކުރެވުނެވެ. އެކަމަކު އޭރު ފުޓުބޯޅަ އޮތީ އިނގިރޭސިވިލާތުގެ ސަރުކާރު ސްކޫލްތަކުގައި ކުޅޭ ކުޅިވަރަކަށް ވެފަ އެވެ. އޭރު ތަފާތު ސްކޫލުތަކުގައި މި ކުޅިވަރު ކުޅެ އުޅުނީ ތަފާތު ގަވައިދު ތަކަކަށެވެ. އޭރު އެންމެ ވައިގައި ހިފައިފައި އޮތް ރަގްބީ އާއި ފުޓުބޯޅަ ތަފާތުވާ ތަންކޮޅަކީ ރަގްބީގައި ބޯޅަ އަތުން ނަގައިގެން ދުވެވުމެވެ. އެކަމަކު ފުޓްބޯޅައިގައި ބޯޅަ ނަގައިގެން ދުވުމުގެ ހުއްދައެއް ނޯވެ އެވެ.
ތަފާތު ހިސާބުތަކުގައި ތަފާތު ގޮތްގޮތަށް ކުޅެމުން އައި ފުޓްބޯޅައަށް އެންމެ ފުރަތަމަ ގަވައިދެއް ހެދީ ކެމްބްރިޖްގައި ބޭއްވުނު ޚާއްސަ ބައްދަލުވުމެއްގައި 1848 ގަ އެވެ. ނަމަވެސް އެ ގަވާއިދަކީ މިކުޅިވަރުގެ ވަރަށް އާދައިގެ ފެށުމެކެވެ. ފުޓްބޯޅައަށް ލިޔެވިފައިވާ ގަވައިދެއް ލިބުމަށް ފަހު ދެން ފެނުނު އެންމެ މުހިންމު ފިޔަވަޅަކީ އިންގްލޭންޑްގެ ފުރަތަމަ ފުޓްބޯޅަ އެސޯސިއޭޝަން 1863 ގައި ލަންޑަނުގައި ގާއިމު ކުރުމެވެ.
ދުނިޔޭގައި އަލަށް އުފެދުނު ފްޓްބޯޅަ އެސޯސިއޭޝަން ކަމަށްވާ މި އެސޯސިއޭޝަނުން ފުޓްބޯޅައިގެ ކެމްބްރިޖް ގަވައިދު ރިވައިސްކޮށް ބައެއް ކަހަލަ އުނި އިތުރު ގެނެސް، އަލުން ގަވައިދެއް އެކުލަވައިލި އެވެ. އެ ދުވަސްވަރު ފުޓްބޯޅައިގައި މައިގަނޑު ދެ ސްޓައިލެއް ތަރައްގީވެގެން އައެވެ. އިންގްލޭންޑްގައި ކުޅުންތެރިން ބޯޅަ ކޮށްޓަމުން ދުވުން ސްޓައިލްކަށްވި އިރު، ސްކޮޓްލެންޑްގެ ކުޅުންތެރިން ބޯޅަ އެކަކު އަނެކަކަށް ޕާސްކޮށްގެން ކުޅުމުގެ ސްޓައިލެއް ގެންގުޅުނެވެ. ސްކޮޓްލޭންޑްގެ ޕާސިންގް ގޭމް ފަހުން އިންގްލޭންޑަށް ވެސް ތައާރަފްވެ، މިޒަމާނުގެ ފުޓްބޫޅައިގެ ސްޓައިލް ކަމަށްވި އެވެ.
މުނިފޫހިފިލުވުމުގެ ގޮތުން ކުޅޭ ޚާއްސަ ކުޅިވަރެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން ފެށީ އިނގިރޭސި ވޯކިންގެ ކްލާސް މީހުންގެ މެދުގަ އެވެ. ނަވާރަވަނަ ގަރުނުގެ ފަހުކޮޅަށް އައި އިރު ފުޓްބޯޅަ މެޗެއް ބަލަން ގާތްގަނޑަކަށް 30،000 މީހުން އިނގިރޭސިވިލާތުގެ ދަނޑުތަކަށް ވަންނަ ކަމަށްވެ އެވެ.
ތާރީޚި ގޮތުން ބަލާއިރު 15 ވަނަ ގަރުނުގެ ކުރީ ކޮޅުގައި ވެސް ފުޓްބޯޅަ ކްލަބުތައް އިނގިރޭސިވިލާތުގައި އުފެދުނު ކަމަށްވެ އެވެ. އެކަމަކު އެ ކްލަބްތަކަކީ އެހާ ރަސްމީ އެއްޗަކަށް ނުވުމުން އޭގެ ތާރީޚު ހޯދުން ވަނީ އުނދަގޫ ކަމަކަށެވެ. އެންމެ ކުރީގައި އުފެދުނު ކްލަބެއްގެ ގޮތުގައި ތާރީޚީ އިލްމުވެރިން ފާހަގަ ކޮށްފައި ވަނީ 1824 ވަނަ އަހަރު އެޑިންބަރާގައި އުފެދުނު ކްލަބެކެވެ.
އެ ދުވަސްވަރުގެ ގިނަ ކުލަބްތައް އުފަންވެގެން އައީ ސްކޫލްތަކުގެ މުސްކުޅި ދަރިވަރުންގެ މެދުގަ އެވެ. މިފަދަ ކްލަބަކަށް އިންގްލޭންޑްން ފުރަތަމަ ފާހަގަކޮށްލެވެނީ ޝެފީލްޑްގައި 1855 ވަނަ އަހަރު އުފެދުނު ކްލަބެކެވެ. ޕްރޮފެޝަނަލް ކްލަބެއްގެ ފެންވަރަށް އެންމެ ފުރަތަމަ އުފެދުނު ކްލަބަކީ "ނޮޓްސް ކައުންޓީ"ގެ ނަމުގައި އިނގިރޭސިވިލާތުގައި އުފެދުނު ކްލަބެކެވެ. މި ކްލަބް މިހާރު ވެސް ހަރަކާތްތެރިވެ އެވެ.
ފުޓްބޯޅައިގެ ފޯރި އިނގިރޭސިވިލާތުގެ މަސައްކަތު މީހުންގެ މެދުގައި ގަދަވެ، ޓިކެޓް ވިއްކައިގެން ކުޅެން ފެށީ 1880 ވަނަ އަހަރު އެވެ. އެ ދުވަސްވަރު ކްލަބުތަކުން މޮޅަށް ކުޅޭ ކުޅުންތެރިންނަށް ފައިސާގެ އެހީ ވެސް ދޭން ފެށި އެވެ. އެ ހިސާބުން 1885 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅަ ގާނޫނީ ގޮތުން އެ ގައުމުގައި ހުއްދަވި އެވެ. އޭގެ ބަރާބަރު ތިން އަހަރު ފަހުން އިނގިރޭސި ފުޓްބޯޅަ ލީގް އުފަންވި އެވެ. ފުރަތަމަ މުބާރާތުގައި ބައިވެރިވީ 12 ޓީމެވެ. އެ ހިސާބުން ގިނަ ޓީމުތަކަކުން ލީގަށް ޝައުގުވެރިވުމާ އެކު ޑިވިޝަންތައް ވެސް އުފަންވި އެވެ.
ޒަމާންތަކެއް ވަންދެން ފްޓްބޯޅައަކީ އިނގިރޭސިން އެކަނި ކުޅޭ ކުޅިވަރެއްގެ ގޮތުގައި އޮތުމަށްފަހު، ޔޫރަޕްގެ ބައެއް ސިޓީތަކުން އިނގިރޭސި ލީގާ ގުޅިގެން ކުޅެން ފެށި އެވެ. އެގޮތުން ފުރަތަމަ ފާހަގަ ކޮށްލެވޭ މުބާރާތަކީ 1871 ވަނަ އަހަރު ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން ޗެލެންޖް (އެފްއޭކަޕް) ކަޕެވެ.
ފުރަތަމަ އެފްއޭކަޕް ބޭއްވިތާ 12 އަހަރު ފަހުން ފުރަތަމަ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތް 1867 ގައި ބޭއްވިވެ. މި މުބާރާތުގައި ބައިވެރިވީ އިނގިރޭސިވިލާތާއި ސްކޮޓްލޭންޑާއި އަޔަލޭންޑާއި ވޭލްސް އެވެ.
ދަ ފެޑޭރޭޝަން އިންޓަނޭޓަޝަލް ޑި ފުޓް ބޯލް އެސޯސިއޭޝަން (ފީފާ) އުފެދުނީ 1904 ގަ އެވެ. އެ އެސޯސިއޭޝަންގެ އުފެއްދުމުގައި ބައިވެރިވީ ފްރާންސް، ޑެންމާކް، ބެލްޖިއަމް، ނެދަލޭންޑްސް، ސްޕެއިން، ސްވިޒަލޭންޑެވެ. އިނގިރޭސިވިލާތާއި އިނގިރޭސިވިލާތުގައި ހިމެނޭ އަނެއް ތިން ގައުމުން ފީފާގައި ފުރަތަމަ ބައިވެރިއެއް ނުވެ އެވެ. ސަބަބަކީ އެ މީހުން އަމިއްލައަށް ތަރައްގީކޮށް ކުޅެމުން އަންނަތާ އެތައް ޒަމާނެއްވީ ކުޅިވަރަކަށް އެހެން ބަޔަކު ވަދެ، ގަވާއިދުތަކެއް ހަދަން ޖެހޭ ކަމަށް އެ މީހުނަށް ގަބޫލު ނުކުރެވުމެވެ. ނަމަވެސް ޖެހިގެން އައި އަހަރު އިނގިރޭސިން ފީފާއާ ގުޅުނެވެ. އެކަމަކު 1950 ވަނަ އަހަރާ ހަމަޔަށް އިނގިރޭސިން ވޯލްޑްކަޕްގައި ބައިވެރިއެއް ނުވެ އެވެ.
ބާރަވަނަ ގަރުނުން ފެށިގެން އިނގިރޭސިވިލާތުގައި ކުޅެމުން އައިސް އެ ގައުމުގައި ތަރައްގީވި ފުޓްބޯޅައިގެ ގަވަނިންގް ބޮޑީ ކަމަށްވާ ފީފާގައި މިހާރު 211 ގައުމު އޮވެ އެވެ. މަގުމަތީގައި ގްރޫޕް ހަދައިގެން ބައި ބަޔަށް ކުޅެން ފެށި ފުޓްބޯޅަ މިހާރު މިވަނީ މުޅި ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވެފަ އެވެ.