އިސްލާމީ ޝިޢާރުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޝިޢާރަކީ މިސްކިތްތަކެވެ. އެތަނުގައި ދުޢާކޮށް އަޅުކަންކުރެވޭނީ ހަމައެކަނި ﷲ އަށެވެ. ﴿أَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾ (سورة الجن: ١٨) "އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ"!
ޤުބާ މިސްކިތަކީ ފުރަތަމަ ދުވަހުން ފެށިގެން ތަޤުވާގެ މަތީގައި ބިނާ ކުރެވިފައިވާ މިސްކިތެކެވެ. ﴿لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ﴾ (سورة التوبة: ١٠٨) މާނައީ: ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން تقوىގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: قُباء މިސްކިތުގައި) ކަލޭގެފާނު قائم ވެ ހުންނެވުން މާ حق ކަން ބޮޑެވެ. މިއީ ޤުބާ މިސްކިތުގެ ވާހަކައެވެ. މަސްޖިދުލް ޙަރަމާއި ނަބަވީ މިސްކިތަކީ ވެސް މިފަދައިން ހުރިހާ މުސްލިމުންގެ މަސްލަޙަތު އެތަންތަނާ ގުޅިފައިވާ ތަންތަނެވެ. މަސްޖިދުލް ޢަޤްޞާ ވެސް ހަމަ އެފަދައެވެ. މިސްކިތްތަކަކީ އިސްލާމީ މަތިވެރި ޝިޢާރުތަކެކެވެ.
މުޤައްދަސްކަމާއި މާތް ކަމުގައި އިސްވެބަޔާން ކުރެވުނު މިސްކިތްތަކަށް ވުރެ ދަރަޖައިގެ ގޮތުން ދަށްވިޔަސް، މުސްލިމުން ދިރިއުޅޭ މުޖްތަމަޢުތަކުގައި ބިނާކޮށްފައި ހުންނަ މިސްކިތްތަކަކީ ވެސް ﷲގެ ގެކޮޅުތަކެވެ. ﷲގެ އަޅުންނަށް އަމާންކަން އިހުސާސްކުރެވޭ މަންޒިލްތަކެވެ. އުފާވެރިކަމުގެ ވަގުތުތަކަށްވުރެ ހިތާމައިގެ ވަގުތުތަކުގައި މީސްތަކުން ހިތްގައިމުކަން ހޯދަން ބޭނުންނާ ތަންތަނެވެ. ވަރަށް ގިނަ މީހުންގެ އާދައެއްކަމުގައި އެކަން ނުވޭހެއްޔެވެ؟ މުޞީބާތާއި ހިތާމަތައް ކުރިމަތިވުމުން މިސްކިތް ފެންނަ މީހުން ވަރަށް ގިނަ ކަމުގައި ދިރާސާތަކުން ދައްކައެވެ. އަދި މިއީ ކީރިތި ޤުރުއާނުގައި ވެސް ވަރަށް ގިނަ މޭރުމުން ސިފަކޮށްފައިވާ ޙަޤީޤަތެކެވެ.
މުޅި ދުނިޔެ އަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މުޞީބާތަކީ ކޮވިޑް-19އެވެ. ކޮރޯނާގެ ސަބަބުން މަޑުޖެހުމެއް ނާންނަ އެއްވެސް ޤައުމެއް ނެތްއިރު، އެ ބަލިން ސަލާމަތްވާނެ ގޮތެއް ވެސް އަދި މިހާތަނަށް ހޯދިފައި ނުވެއެވެ. އަޅުގަނޑުމެން މުސްލިމުންނަށް ޤަބޫލު ކުރެވޭ ޙަޤީޤަތަކީ ކޮންމެ ބަލިމަޑުކަމެއް ވެސް ފިއްލަވައިތޯ ދެންނެވުން އޮތީ ހަމައެކަނި ﷲ ހަޟްރަތުގައިކަމެވެ. ޢާލަމްތަކުގެ ވެރި އިލާހަކީ ބަލިބަލީގެ ވެސް ވެރި އިލާހެވެ. އެހެންކަމުން އެއިލާހުގެ ހަޟްރަތުން އައިކަމެއް ފިއްލެވޭނީ ވެސް އެ އިލާހަށެވެ. އެކަމަށް އެދި ދުޢާކޮށް ދަންނަވަންވީއެވެ. ދީނީ ޝިޢާރުތައް ދިރުވާ އާލާ ކުރަންވީއެވެ.
ޞަދަޤާތް ދިނުމަކީ ދީނީ ޝިޢާރެކެވެ. ޞަދަޤާތް ދިނުމުން ބަލިބައްޔަށް ޝިފާވެއެވެ. ޤުރުއާން ކިޔެވުމަކީ ދީނީ ޝިޢާރެކެވެ. ޤުރްއާން ކިޔެވުމުގައި ބަލިބައްޔަށް ޝިފާވެއެވެ. ނަމާދު ކުރުމަކީ ދީނީ ޝިޢާރެކެވެ. ނަމާދުތަކަށް ފަހު ﷲ އަށް ދެންނެވުމުން ބަލިބައްޔަށް ޝިފާލިބެއެވެ. ވަކިން ޙާއްޞަ ގޮތެއްގައި އިޖްޠިމާޢީ މައްސަލަތަކުގެ ޙައްލަށްއެދި ދުޢާކުރުމުގައި އިޖްޠިމާޢުވެ ދުޢާކުރުން އެއީ މުޙިއްމު ކަމެކެވެ. މިސްކިތްތަކަށް މުސްލިމުން ޖަމާވެ، ޖަމާޢަތުގައި ފަރުޟު ނަމާދުތައް ކުރުމެވެ. ޖަމާޢަތްތަކަށް ޙާޟިރުވާ މީހުނަށް ތަޤުވާވެރިވުމަށް ގޮވައިލުމެވެ. އެކަންކަން ބަޔާންކުރާ ފިލާވަޅުތަކާއި ދަރުސްތައް ކިޔައިދިނުމެވެ. ޙާޟިރީންނަށް އިސްތިޣްފާރު ކުރުމަށް ހިތްވަރުދިނުމެވެ. އެނގުމާއި ނޭގުމުގައި ވެސް ކުރެވިފައިވާ ފާފަތަކަށް ގިނަގިނައިން ތައުބާ ވުމަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރުމެވެ. މިހިރަމިހިރަ ކަންކަމީ މިސްކިތްތަކުގެ ދޮރުތައް އަބަދުގެ އަބަދަށް ބަންދުކޮށްފައި ބަހައްޓައިގެން ކުރެވޭނެ ކަންކަމެއް ނޫނެވެ.
ޙާލަތާއި ވަގުތު ނިޔާކުރާގޮތުން ކޮންމެހެން ނުކޮށް ނުވެގެން މިސްކިތް ބަންދު ކުރާ ހިސާބައް ދިޔުމުން އެންމެންނަށް ވެސް އެކަން ވަރަށް ރަނގަޅަށް އިހުސާސް ވާނެއެވެ. އެތަންތަނެކޭ އެއްގޮތަށް އިޖްޠިމާޢީ ހުރިހާ ޙަރަކާތެއް ވެސް ހުއްޓޭނެއެވެ. ވިޔަފާރި ވެސް ކުރަމުން، ކުޅިވަރު ހަފްލާތައް ވެސް ބާއްވަމުން، ޤައުމީ ކޮންމެ ކަމެއް އޭގެތަރުތީބުން އެއްވެސް ބަދަލެއް ނުގެނެސް ކުރަމުން، އެކިއެކި ޖަމާޢަތްތަކާއި ޕާޓީތަކުގެ ހިނގާލުންތަކާއި، އާންމުން އެއްވެ އުޅޭ އެއްވެސް ކަމަކަށް ހުއްޓުމެއް ނައިސް ހަމައެކަނި މިސްކިތްތަކުގެ ދޮރުތަކުގައި ތަޅު އެޅުވޭނަމަ މުސްލިމް މުޖުތަމަޢެއްގައި ދިރިއުޅޭ އާއްމުންނަށް ދުވާނީ އެހެން ވަހެކެވެ. ހީވާނީ އެހެން އެއްޗެކެވެ. ބެލެވޭނީ މުޅިން ގޯސް ނަޒަރަކުންނެވެ.
ޠާޢޫން ފަދަ މުޞީބާތްތަކުގެ ވަގުތުގައި ޤައުމީ ސަލާމަތަށް ބޭނުންވާ ޞިއްޙީ ފިޔަވަޅުތައް އަޅަން ފަށާތަނަކީ މިސްކިތްތައް ކަމުގައި ވެގެން ނުވާނެއެވެ. އަޅުގަނޑާއި އެހެން ހުރިހާ މުސްލިމުން ވެސް އެ ތަރުތީބާ ދެކޮޅުހަދާނެއެވެ. ބަލިފެތުރުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ މީހުން އެއްވެ އުޅުން ހުއްޓުވުން ކަމުގައި ވާނަމަ އެކަން ފުރަތަމަ ފަށަން ވާނީ އަހައްމިއްޔަތު އެންމެ ކުޑަ ހިސާބުންނެވެ. އަދި އެކަން ނިމެން ވާނީ އަހައްމިއްޔަތު އެންމެ ބޮޑު ހިސާބަށެވެ. އެއީ މިސްކިތްތައް ބަންދުކުރުމެވެ. ބަލި ކުޑަކޮށް ވެސް ކޮންޓްރޯލްކުރެވި، އަލުން އެއްވެސް ތަނެއް ހުޅުވާނަމަ އެންމެ ފުރަތަމަ ހުޅުވަންވާނީ މިސްކިތްތަކެވެ. އޭގަފަހުން އެހެންތަންތަން ހުޅުވަން ވާނީ އެތަނަކުން ކުރަންޖެހޭ ބޭނުންތަކުގެ އެންމެ ޒަރޫރީ މިންވަރު ފުއްދޭވަރަށް އެކަންޏެވެ. އިސްލާމީ ވެއްޓެއްގައި ކަންހިނގާނެ އަދި ހިނގަންވާނެ އުޞޫލަކީ މިއީއެވެ.
އިސްލާމީ ވެއްޓެށް ބިނާ ކުރެވޭނީ އިސްލާމީ ގެވެއްޓެށް ބިނާކޮށްގެންނެވެ. އިސްލާމީ ގެވެއްޓެއް ބިނާކުރެވޭނީ މިސްކިތްތަކާ އޮންނަ ލޯބި ޅަކުދިންގެ ހިތުގައި އާލާ ކުރެވިގެންނެވެ. އެލޯބި އާލާ ކުރެވޭނީ ރިވެތި ނަމޫނާ ބެލެނިވެރިންގެ ކިބައިން ފެނިގެންނެވެ. ދަރިންނަށް ހުރި ރަނގަޅު ނަމޫނާއެއް ކަމުގައި ބެލެނިވެރިންނަށް ވެވޭނީ އެބަޔަކު ﷲ އަށް ތަޤުވާވެރި ވެގެންނެވެ. އޭ ލޮބުވެތި މުސްލިން އަޚުންނާއި އުޚްތުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވުން އެންމެ ޙައްޤު ގޮތުގައި އެއިލާހަށް ތަޤުވާވެރި ވާށެވެ. މާދަމާ މަރު ބައްދަލު ކުރާއިރު ތަޤުވާގެ މަތީގައި ހުރެވޭނީ އޭރުންނެވެ.