ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން ރިސޯޓުތަކަށް ވަޑައިގެން، ބިލް ނުދައްކާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ ހިޔާނާތުގެ ކުށެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ޖަލްސާގައި ބޮންޑޭ ވިދާޅުވީ ކޯލިޝަން ސަރުކާރުގައި ކޮރަޕްޝަންގެ ކަންކަން ހިނގަމުންދާ ކަމަށެވެ. ހާއްސަކޮށް، ކުންފުނިތަކުގެ ތެރޭގައި ނާޖައިޒު ފައިދާ ނެގުން ކުރިއަށްދާ ކަމަށް ވިދާޅުވެ، ބައެއް މިސާލުތައް ދެއްކެވި އެވެ.

އެއް މިސާލެއްގެ ގޮތުގައި ބޮންޑޭ ދެއްކެވީ މަގާމުގައި ތިއްބެވި ބޭފުޅުން ބައެއް ފަހަރު ރިސޯޓުތަކަށް ވަޑައިގެން އެ ރިސޯޓުތަކުން ފަރިއްކުޅުވުމާއި ޗުއްޓީ ހޭދަކޮށް ނިމިގެން ވަޑައިގަންނަވާ އިރު، ބިލް ނުދައްކާ ކަމެވެ.

ބޮންޑޭ ވިދާޅުވީ ކޮންސަލްޓަންސީގެ ގޮތުގައި ބޮޑެތި އުޖޫރަތައް ނެގުމާއި ދައުލަތަށް ލޯންގެ ގޮތުގައި ލިބޭ ފައިސާ އިސްރާފުގެ ގޮތުގައި ހަރަދު ކުރުން ފަދަ ބޮޑެތި ހިޔާނާތްތައް ހިނގަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. ހާއްސަކޮށް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަގު އީމެއިލްތަކާއި އެކައުންޓުތައް ހަދައިގެން "މިސްޓަ ޖޯން" ހެދިގެން އަމިއްލަ އަށް ކޯޓޭޝަންތައް ހަދައި، އެ އެޕްރޫވްކޮށް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި، ވައްކަމާއި ހިޔާނާތާއި ފަސާދައިގެ ކަންކަން ތަރައްގީވަމުން މިހާރު ދަނީ ޒަމާނާ އެއްގޮތަށެވެ. އެހެންވެ، ގާނޫނެއް ފާސްކޮށްލައިގެން އެކަން ހުއްޓުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އެހެންވީމަ މި ފަދަ މައްސަލަ ތަހުގީގު ކުރައްވާ ބޭފުޅުން ވެސް ތަހުޒީބް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ތިއްބަވާ ބޭފުޅުން ރިސޯޓުތަކަށް ގޮސް ފަރިއްކުޅުވައި، ޗުއްޓީ ހޭދަ ނުކުރެއްވުމަށް ގޮވާލައްވައިފައެވެ. އަދި އުޖޫރައެއް ނުދީ އެކަން ކުރާ ނަމަ، އެއީ ހިޔާނާތެއް ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.