ގެވެށި އަނިޔާގެ ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަގެ މައްސަލަގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވާ ޝަރީއަތް މިއަދު ކެންސަލްކޮށްފި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާގެ މައްޗަށް އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ.

މިއަދު އޮތް ޝަރީއަތް ކެންސަލްކޮށްފައިވަނީ އެމައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕީޖީ އޮފީހުން މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުއްވާ އަދި އެމައްސަލާގެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދެވުމަށް އަސްރާވަނީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި އެކަހަލަ ހާދިސާ ހިނގާ ކަމަށާއި އަދި އަސްރާ އެފަދައިން އެދިވަޑައިގެންނެވި ނަމަވެސް މި މައްސަލާގައި ދައުވާކޮށް ކާމިޔާބުކުރެވޭނެ ކަމަށެވެ.

އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި އީސަ ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މި މައްސަލައިގައި ފާޑުކިއުން އަމާޒުވެ ޕްރެޝާ ބޮޑުވުމުން އޭނާ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.