ކުރީ ސަރުކާރުން ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުންގެ މެދުގައި މިއަދު ބޭއްވުމަށް ހަމަޖެއްސި ގުރުއަތު ނެގުން މާދަމާއަށް ފަސް ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއަދު ބޭއްވުމަށް ނިންމި ގުރުއަތުލުން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާދަމާއަށް ފަސްކުރެވިފައިވާ ކަމަށެވެ. އަދި މާދަމާ ގުރުއަތު ނެގުން ކުރިއަށް ގެންދާނީ ލައިވްކޮށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

މާދަމާގެ ގުރުއަތު ނެގުން ހަމަޖެހިފައިވާ ކެޓެގެރީތަކުގެ ތެރޭގައި:

  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް
  • ސިވިލް ސާވިސް ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ
  • 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ
  • މާލޭ ރަށްވެހިންނަށް ޚާއްސަ
  • މާލޭ ދަފްތަރު ކެޓެގަރީ
  • ފުހުންގެ ކެޓަގަރީ

ގުރުއަތު ނަގާނީ އެ ކެޓަގަރީއަކުން ފްލެޓް ލިބިފައިވާ މީހުންގެ އައިޑީކާޑް ނަމްބަރުގެ ތަރުތީބުން ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

ކުރީގެ ސަރުކާރުން ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތް އަންނަ މަހުގެ 14 ވަނަ ދުވަހު ފެށިގެން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.