އަޖޭ ދޭވްގަން މުމްބާއީގެ ޖުހޫއިން 590 ސުކެއަ ޔާޑްގެ ބިމެއް 60 ކްރޯޑް ރުޕީސް (8 މިލިއަން ޑޮލަރު)އަށް ގަނެފި އެވެ.

މީޑިޢާ ރިޕޯޓްތައް ބުނާ ގޮތުގައި އަޖޭ ބިން ގަނެފައިވަނީ މިހާރު އުޅެމުން އަންނަ ގެ ކައިރިނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި މި ބިން ގަތުމުގެ މަސްވަރާތައް ކޮށްފައިވާއިރު، މިދިޔަ މޭ ހަތްވަނަ ދުވަހު މި ބިން އަޖޭގެ މަންމަ ވީނާ ދޭވްޖަން އާއި އަޖޭގެ ނަންމަތީ ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. އެ ބިމުގެ އަސްލު އަގު 65-70 ކްރޯޑުގައި އުޅޭއިރު އަޖޭ މި ބިން ގަނެފައިވަނީ 60 ކްރޯޑަށެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓުން ބުނާ ގޮތުގައި އަޖޭ މި ބިންގަތުމަށް 18.75 ކްރޯޑުގެ ލޯނެއް ނަގާފައިވެ އެވެ. މި ލޯނު ނަގާފައި ވަނީ އޭޕްރީލް 27ގައި ނަމަވެސް މި ބަންގުލޯ ގަނެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 27 ގަ އެވެ.

ކާޖަލް އާއި އަޖޭ މިދިޔަ އަހަރު ގެއެއް ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.

އަޖޭ އާއި ކާޖަލްއަކީ ނުވަދިހަ އަހަރު ތެރޭގައި ބޮލީވުޑްގައި މަގޫބޫލުކަމެއް ހޯދި ދެ ފަންނާނުނެވެ. މިހާރު ވެސް އަޖޭގެ ގިނަ ފިލްމުތަކަށް ބޮޑެތި ކާމިޔާބުތަކެއް ވެސް ލިބެމުންދެ އެވެ.