ތެހެރާން (22 ޖޫން) - އެމެރިކާގެ ގާނޫނު ހަދާ އިދާރާތަކުން އީރާނުގެ ދައުލަތުގެ މީޑިއާތަކުގެ ވެބްސައިޓްތައް ބްލޮކްކޮށްފި އެވެ.

އެމެރިކާއިން ނުވަދެވޭ ގޮތަށް ހެދި ވެބްސައިޓްތަކުގެ ތެރޭގައި ޕްރެސް ޓީވީ، އަލް އާލަމް އަދި އަލް މަސީރާ ޓީވީ ޗެނަލްގެ ވެބްސައިޓް ހިމެނެ އެވެ. މި ހުރިހާ މީޑިއާތަކަކީ ވެސް އީރާނުގެ ސަރުކާރު ހިއްސާވާ މީޑިއާތަކެވެ.

ބްލޮކްކުރި ވެބްސައިޓްތަކުގައި އެމެރިކާގެ ނޯޓިސްއެއް ފެންނަށް ހުންނައިރު، އެ ނޯޓިސްގައިވާ ގޮތުން ވެބްސައިޓްތައް ހިފަހައްޓާފައިވަނީ އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ. މި ނޯޓިސްއާއެކު އެފްބީއައި އާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްގެ ލޯގޯ ފެންނަން ހުރެ އެވެ.

އަލް އާލަމް ހިންގާ މީޑިއާ ކުންފުނި ކަމަށްވާ އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންއިން ބުނިގޮތުގައި އަލް އާލަމްގެ އިތުރުން އަރަބި ބަހުން ހިންގާ އެ ކުންފުނީގެ އިތުރު ދީނީ އަދި ސަގާފީ ޗެނަލްތަކެއް ވެސް ބްލޮކްކޮށްލާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެމެރިކާއިން ހުރަސް އަޅާކަމަށް ތުހުމަތުކޮށް ސަރަހައްދުގައި ހިނގާ ކަންތައްތައް ކަވަރުކުރާ މީޑިއާތައް ހިފެހެއްޓުމަށް އެ ގައުމުން އިޒްރޭލާއި ސައުދީ އަރަބިޔާ އާ ގުޅިގެން މަސައްކަތް ކުރާކަމަށް ވެސް ބުނެފަ އެވެ. --އަލް އަރަބިއްޔާ