ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވާހިދުގެ ޕާސްޕޯޓު ހިފަހައްޓަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
ޕީޖީ އޮފީހުން ބުނީ ފުލުހުން މެދުވެރިކޮށް އަލީގެ ފާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވާ ކަމަށާއި އަދި ފުލުހުން މިހާރު އެ އަމުރު ހޯދުމަށް ކޯޓުގައި އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު އަމުރު ލިބުނުކަމެއް އަދި ސާފެއް ނުވެ އެވެ.
ޖިންސީ ގޯނާގެ މައްސަލައިގައި މީގެ ކުރިން ވެސް ދައުލަތުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ބަލި ހާލަތަށް ބެލުމަށްފަހު ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ފުރާފަ އެވެ.
ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރި އަމުރު ދައުލަތުން އިސްތިއުނާފްކުރިޔަސް، އަލީ ވަހީދު ރާއްޖޭގައި ނެތުމުން އެމައްސަލަ ކުރިއަށްގެން ގޮސްފައެއް ނުވެ އެވެ.
އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގައި އޭނާ ބައިވެރިވަނީ އޮންލައިންކޮށެވެ. އަދި އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި އަޑުއެހުން ކުރިއަށް ގެންދަން އިންތިޒާމު ހަމަޖައްސައިދިނެވެ.
މިކަމާ ގުޅިގެން އެންމެ ފަހު ބޭއްވި އަޑު އެހުމުގައި ޕީޖީ ޝަމީމް ވަނީ އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ބައިވެރިވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެއީ ޝަރީއަތެއްކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އަދި އޮންލައިންކޮށް އަލީ ވަހީދަށް ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ނިންމި ނިންމުން ވެސް އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.