ފޮރިން މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން ސިވިލް ސާވިސްއިން ވަކިކޮށް ފޮރިން ސާވިސް ނަމުގައި ވަކި މުއައްސަސާއެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސޭން) ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށެވެ.

ބިލްގައިވާ ގޮތުން އެ ބިލު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަން ޖެހެ އެވެ. އަދި އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފޮރިން ސެކްރެޓަރީ އެވެ. ތިން އަހަރުގެ މުއްދަތަކަށް އައްޔަން ކުރާ ފޮރިން ސެކްރެޓަރީއަށް ގިނަވެގެން އެ މަގާމުގައި ހުރެވޭނީ ދެ ދައުރަށެވެ. އަދި އެ މަގާމަށް އައްޔަންކުރެވޭ ފަރާތަކީ ފޮރިން މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެނެ އެވެ.

އެ ބިލު ފާސްވެ ގާނޫނަކަށްވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އެ އިންސްޓްޓިއުޓަކީ ގާނޫނުގެ ދަށުން ބާރުލިބޭ ތަނަކަށް ވާއިރު، އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.

އެ އިންސްޓިޓިއުޓްގެ އިތުރުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް މެމްބަރުން އައްޔަނުކުރުމާއި ވަކި ކުރުމުގެ ބާރު ފޮރިން މިނިސްޓަރަށް ދީފައިވާއިރު، އެ ބޯޑުގައި ތިއްބަވާނީ ފޮރިން ސެކްރެޓަރީ އާއި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާގެ އިތުރުން، މުވައްޒަފުންގެ ތިން ގިންތިއެއް ތަމްސީލުވާ ގޮތަށެވެ.

އެ ބިލުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައްވެސް ހިމަނާފައިވެ އެވެ. އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ހިދުމަތަށް އައްޔަނުކުރާ މުވައްޒަފުންގެ ގިންތިތަކާއި، އުސޫލުތަކާއި، މަސްއޫލިއްޔަތުތައް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ. އަދި ބޭރުގައި ގާއިމުކޮށްފައިވަނީ މިޝަންތަކަށް މުވައްޒަފުން ފޮނުވުމާއި އަނބުރާ ގެނައުން ފަދަ ގިނަ ގަވައިދުތައް، އެ ބިލު ގާނޫނަކަށްވުމާއެކު ވަކި މުއްދަތުތަކެއްގެ ތެރޭގައި ހަދަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.