ބޮލީވުޑް ސުޕަސްޓާރު ޝާހްރުކް ޚާން ބޮލީވުޑާ ގުޅުނުތާ މިދިޔަ ހުކުރު ދުވަހަށް މިވަނީ 29 އަހަރު ފުރިފަ އެވެ. މި މުނާސަބަތާ ގުޅިގެން ޝާހްރުކް ވަނީ އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ސޯޝަލް މީޑިއާގައި ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

ޝާހްރުކް ބޮލީވުޑަށް އަލަށް ތައާރަފްވި ފިލްމަކީ "ދީވާނާ" އެވެ. ޝާހްރުކް ބުނެފައިވާ ގޮތުގައި އޭނާގެ އުމުރުގެ ދެބައިކުޅަ އެއްބައި ހޭދަވެފައި މިވަނީ އޭނާގެ ސަޕޯޓަރުންގެ މުނިފޫހިފިލުވައިދިނުމުގެ މަސައްކަތުގަ އެވެ.

ޝާހްރުކް ޚާންގެ ސަޕޯޓަރުން ވަނީ އޭނާގެ ފިލްމީ ކެރިއަރަށް 29 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ކުރީގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށް ދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.

1992 ވަނަ އަހަރު ރިޝީ ކަޕޫރު އާއި ދިވްޔާ ބާރްތީ އާއެކު ބޮލީވުޑުން ފިލްމު "ދީވާނާ" އިން ފެނުމުގެ ކުރިން ޝާހްރުކް ވަނީ ޓީވީގައި ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

ފިލްމު "ދީވާނާ"އަށް ފަހު ޝާހްރުކް ޚާންގެ އިތުރު ކާމިޔާބު ފިލްމްތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި "ޗަމަތްކާރް"، "ބާޒީގަރް" އަދި "ޑަރް" ހިމެނެ އެވެ.

ޝާހްރުކް އެންމެ ފަހުން ފެނިފައި ވަނީ އަނުޝްކާ ޝަރްމާ އާއެކު 2018 ވަނަ އަހަރު ކުޅުނު ފިލްމް "ޒީރޯ" އިންނެވެ.