މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމައިފި އެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބިލުގެ މަސައްކަތް ނިންމާލައި، ވޯޓަށް އެހުމުން އެންމެ ދެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންވެސް ވަނީ ކޮމެޓީން ނިންމި ގޮތަށް ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވަން ވޯޓު ދެއްވައިފަ އެވެ.
ބިލު ތަޅުމަށް ފޮނުވަން ދެކޮޅު ހެއްދެވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. ހިސާންގެ ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.
ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން ހިސާން ހުށަހެޅުއްވި މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ނިންމި އެވެ. އެ ހާލަތަކީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުމެވެ. އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެ އެވެ.
ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނަށް އިދިކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން މިއަދު ވަނީ ފާސްކޮށްފަ އެވެ. "އާންމު ތަންތަނަ" ކީ އާންމުކޮށް ހުޅުވާލެވިގެން އެންމެނަށް ވެސް ނުވަތަ ފީއެއް ދައްކައިގެން ނުވަތަ ދައުވަތުދީގެން ވަދެނިކުމެވެ ތަނަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ހަމަ އެހެންމެ ބްރޯޑްކާސްޓިން ވަސީލަތެއް ބޭނުންކޮށްގެން ޕްލެޓްފޯމެއްގައި ހިޔާލުބަދަލުކުރެވޭ ތަންތަނާއި ޓެކްނޮލޮޖީއާ އިންޓަނެޓް މެދުވެރިވެގެން ވެސް ހިޔާލު ބަދަލުކުރެވެން ހުންނަ ޕްލެޓްފޯމްތަކަކީވެސް އާންމު ތަންތަންކަމަށް މިއަދު ފާސްކުރި އެވެ.
އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަން މިއަދު ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ.
ހިސާންގެ ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާއްމުން ތެދުވެފަ އެވެ. އަދި އެ ބިލު އަނބުރާ ގެންދަން ގޮވާލައި ޕެޓިޝަނެެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން އެ ބިލާ ދެކޮޅު ހެދިއިރު އެމްޑީޕީ ޕާލިމެންޓް ގްރޫޕުގެ ބައެއް މެމްބަރުން ވެސް ވަނީ އެ ބިލާ ދެކޮޅު ހަދައިފަ އެވެ.