އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމުގައި، ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ޖަމިއްޔަތުން ސަލަފުން ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ސިޓީއެއް ފޮނުވައިފި އެވެ.
މިދޔަ ހަފްތާގައި ފާހަގަކުރި އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ރާއްޖޭގައި ދިނުން ވަރަށް ގާތް ކަމަށާއި، އެފަދަ ހަމަލާތައް ރާވާ މީހުންނާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައި ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރު ކޮށްގެން ނަމަވެސް މިހާރު ދިމާވާން މިއުޅޭ ކަންކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ކަންބޮނޑުވުން ފާޅުކުރައްވާ ސަލަފުން އިމްރާނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ނަޝީދު، ގާނޫނުއަސާސީގެ އަސާސްތައް މުގުރައި ބާރުކެނޑުމުގެ މަގަށް އާއްމުކޮށް ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި ގާނޫނުއަސަސީ ނެގެހެއްޓުމަކީ ކޮންމެ ރައްޔިތަކަށް ގާނޫން ލާޒިމުކުރާ ކަމެއް ކަމަށްވުމުން، ގާނޫނުތައް ހެދުމުގެ މައި މަޖިލީހުގެ އެންމެ އިސްފަރާތްތަކުން ގާނޫނުއަސާސީ މުގުރާލަން ހިތްވަރުދޭ ފަދަ މޭރުމުން ވާހަކަ ދެއްކެވުމީ ކުށަކަށްވާން ޖެހޭނެ ކަމަށެވެ.
އަދި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ބޭރުން އެއްވެސް މީހެއްގެ ގަޔަށް އަތްލައި، ހިފައި، ހައްޔަރުކޮށް އަދި ބަންދުކޮށްގެން ނުވާނެކަމަށް ވެސް ސިޓީގައި ސަލަފުން ވަނީ ބުނެފަ އެވެ.
ނަޝީދު ދެއްކެވީ ބަޔަކު މީހުން ކުށެއްގެ ތުހުމަތުގައި ހިފައި ހައްޔަރުކޮށް، މުއްދަތެއް ނެތްގޮތަށް ބަންދުގައި ބޭތިއްބުމުގެ ވާހަކަފުޅު ކަމަށް ސިޓީގައި ބުނެފައި ވެ އެވެ. އަދި އެ ވާހަކަފުޅުގެ މޭރުމުން އެއީ ސަމާސާ ވާހަކަފުޅެއް ނޫންކަންވެސް އަޑުއެހި އެންމެހާ ފަރާތްތަކަށް ދޭހަވާނެ ކަމަށް ސަލަފުން ސިޓީގައި ބުންޏެވެ.
މީގެ އިތުރުން ސިޓީގައި ބުނެފައި ވަނީ، ނަޝީދަކީ މީގެ ކުރީންވެސް ގާޒީއަކު ހައްޔަރުކޮށް ކޯޓުގައި ތަޅުއަޅުވައި ގާނޫނުން ބޭރުން އެތައް ޖަރީމާއެއް ހިންގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާ ބޭފުޅެއް ކަމަށެވެ. ނަޝީދު އަނެއްކާވެސް އެފަދަ މޭރުމުން ޖަރީމާކުރެއްވުމުގެ ވާހަކަ ފަހުރުވެރިކަމާއެކު، އާއްމުކޮށް ތަގުރީރުކުރެއްވުމާއެކުވެސް އެކަށީގެންވާ ފިޔަވަޅު ނާޅުއްވަވައި ދޫކުރައްވައިފިނަމަ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ނުތަނަވަސްކަމާ، އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ދާހިލީ އަމަންއަމާން ކަމަށް އަންނަ ލޮޅުންތަކާމެދު ހޯމް މިނިސްޓަރު ޒިންމާނަންގަވަން ޖެހޭނެ ކަަމަށް ސަލަފުގެ ފަރާތުން ފޮނުވި ސިޓީގައި ބުންޏެވެ.
މއ މެދުދާއިރާގެ މީހުން އެދާއިރާގެ މެންބަރު ބަދަލް ކުރަން އެދޭނަމަ މެމްބަރުގެ އިތުބާރު ނެއްކަމުގެ ވޯޓް ނަގާބަލަ ނުވަތަ ދާއިރާގެ 200 މީހުން ސޮއިކޮށްފަ އޭނާ އަޒުލު ކުރުމަށް ސުޕްރިމް ކޯޓަށް މައްސަލަ ވައްދާބަލަ، ބަލަ އިމްރާނަށް ކޮން ކަމެއްތޯ ކުރެވޭނީ ؟