ލަންޑަން (30 ޖޫން) - އިނގިރޭސި ޝާހީ އާއިލާގެ މަޝްހޫރު ޝަޚްސިއްޔަތެއް ކަމަށްވާ ޕްރިންސަސް އޮފް ވޭލްސް ލޭޑީ ޑަޔާނާގެ ސަޓެޗޫއެއް ކެންސިންޓަން ޕެލެސްގައި ދައްކާލަން އޭނާގެ ދެ ދަރިކަލުން ކަމަށްވާ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް އެއްގަލަކަށް އަރައިފި އެވެ.

ޕްރިންސް ހެރީ 2019 ވަނަ އަހަރު ޝާހީ އާއިލާއާ ވަކިވި ފަހުން 18 މަސްދުވަސް ފާއިތުވީއިރު، އެ ދެބެންގެ މެދުގައި މާބޮޑު ގުޅުމެއް ނޯންނަ ކަމަށް ޝާހީ އާއިލާއާ ގާތް ގުޅުން ހުރި ފަރާތްތަކުން ބުނެފައިވެ އެވެ.

ނަމަވެސް މަންމާފުޅު ޕްރިންސަސް ޑަޔާނާގެ 60 ވަނަ އުފަންދުވަސް ފާހަގަކުރަން ދައްކާލި ސްޓެޗޫ އިފްތިތާހުކުރަން ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް ވަނީ ދުވަސްތަކެއް ފަހުން ފުރަތަމަ ފަހަރަށް ރަނގަޅަށް ވާހަކަ ދައްކާފަ އެވެ.

ފުރަތަމަ ފަހަރަށް ދައްކާލި ޑައާނާގެ ސްޓެޗޫ ދައްކާލާފައި ވަނީ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމްއެކު އެވެ. މިކަމުގެ ތެރޭގައި ދެބޭފުޅުން އެކަކު އަނެކަކާ ވާހަކަދެއްކި ތަން ކެމެރާތަކަށް އަރާފައިވެ އެވެ.

ކެންސިންޓަން ޕެލެސްގައި ދައްކާލި ޕްރިންސަސް ޑައާނާގެ ސްޓެޗޫ

ކެންސިންޓަން ޕެލެސްގައި ދައްކާލި ސްޓެޗޫގައި ޕްރިންސަސް ޑަޔާނާ ފެންނަނީ ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖަކާއެކު މަޑުކޮށްލައިގެން ހުންނަ ތަނެވެ. އަންހެން ކުއްޖާ ހުންނަނީ ޕްރިންސަސް ޑަޔާނާގެ އަތުގައި ހިފަހައްޓައިގެންނެވެ.

މި ސްޓެޗޫއަށް އާއްމުންގެ ފަރާތުން އެކި ކަހަލަ ޚިޔާލުތައް ލިބިފައިވެ އެވެ. އެއްބަޔަކަށް ސްޓެޗޫ ކަމުދިޔައިރު އަނެއްބަޔަކު ބުނެފައިވަނީ ސްޓެޗޫއަކީ ފޭކް އަދި އަސްލާ އެއްގޮތް ނޫން ސްޓެޗޫއެއް ކަމަށެވެ.

މި ސްޓެޗޫ ޑިޒައިން ކޮށްފައިވަނީ ރެއިންކް ބްރޯޑްލީ ނަމަކަށް ކިޔާ އާޓިސްޓެކެވެ. އަދި ސްޓެޗޫ ބަހައްޓާފައި ވަނީ ކުރިން ޑަޔާނާ ދިރިއުޅުއްވި ގެކޮޅު ކަމަށްވާ ކެންސިންޓަން ޕެލެސްގައި އެ ކަމަނާއަށް އެންމެ ކަމުދާ ބަގީޗާގަ އެވެ.

ޕްރިންސަސް ޑަޔާނާގެ ސްޓެޗޫ ދައްކާލުމުގެ ރަސްމިއްޔާތަށް ޕްރިންސް ހެރީގެ އަންހެނުން މޭގަން މާކަލް އަންނާނެ ކަމަށް ކުރިން ހީވެފައި އޮތް ނަމަވެސް އެ ރަސްމިއްޔާތައް ހާޒިރުވެފައިވަނީ ހެރީ އެކަންޏެވެ. -- ޑެއިލީ މެއިލް