މީޑިއާ މެދުވެރިކޮށް ހަބަރުތައް ފަތުރައި، ރާއްޖެ އާއި ބޭރު ގައުމުތަކާ އޮންނަ ގުޅުންތަކަށް ބުރޫ ނާރާ ގޮތަކަށް ހަބަރު ފެތުރުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަހަކަށް އައިސް، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ކަންތައްތަކަކީ، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ދިވެހިރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށް އެބަޔާނުގަައި ވަނީ ބުނެފަ އެވެ. އަދި އެފަދަ ކަންކަމަކީ، އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެކަމެއް ކަމުގައިދެކޭކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދޭދޭ ޤައުމުތަކުގެ ދެމެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާއި އެ ޑިޕްލޮމަޓުންނަށް ލިބެންޖެހޭ ހިމަޔާތާއި ރައްކާތެރިކަމާއި ޚާއްސަ އިމްތިޔާޒުތަކާ ގުޅޭގޮތުން ވަކި އުޞޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައެޅިފައިވާކަމަށެވެ. އެގޮތުން "ރިސީވިންގ ސްޓޭޓް"ގެ ހައިސިއްޔަތުން، ރާއްޖޭއަށް ކަނޑައަޅާފައިވާ ޑިޕްލޮމަޓުންނާއި ޑިޕްލޮމަޓިކް މިޝަންތަކާއި ޑިޕްލޮމަޓުން ދިރިއުޅޭ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއްކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ވީމާ، އެކި އެކި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުނުކުރާނެހެން ދިވެހިރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް އިލްތިމާސްކުރައްވާކަމަށް ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގެ އޮންލައިން ނޫސް "ދިޔަރެސް" އަށް ފިޔަވަޅު އަޅައިދިނުމަށް އިންޑިއާ ހައިކޮމިޝަނުން ސިޓީއެއް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ފޮނުއްވާފައި ވަނިކޮށެވެ. އަދި ސޯޝަލް މީޑިއާގައި "އިންޑިއާ އަޓު" ނަމުގައި ކެމްޕޭނެއް ފަށައިގެން ކުރިއަށްދާ ވަގުތެއްގަ އެވެ. އިންޑިއާ ހައިކޮމިޝަނުން "ދިޔަރެސް" ނޫހަށް ފިޔަވަޅު އަޅައިދިނުމަށް އެދި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދަށް ސިޓީ ފޮނުއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރު އާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

އިންޑިއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުން އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ފޮރިން މިނިސްޓްރީއިން ވަކި ގައުމެއް ދިފާއު ކުރުމަށް ބަޔާން ނެރުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހޯދައި ދެއްވާނެ ކަމަށް ބުނެ ވެރިކަމާ އައި ބަޔަކު އިންޑިއާ ހިމާޔަތް ކުރުމަށްޓަކައި ނޫސްވެރިންގެ މިނިވަން ކަމަށް ހުރަސް އަޅަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެމްޑީޕީއިން އަދި ރައީސް މުހައްމަދު ނަޝީދު އިސްކޮން ހުންނަވައިގެން ޗައިނާ އާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންދިޔައިރު އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން ބަހެއް ބުނެފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.