ކޮވިޑް-19އާ ގުޅިގެން ޑޮލަރަށް ޑިމާންޑް އިންތިހާއަށް ބޮޑުވަމުންދާތީ ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ދެނަގަނެ، އެ ގެއްލުންތައް ކުޑަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، މާލީ ނިޒާމަށް ކުރިމަތި ވެދާނެ ލޮޅުންތައް ކުޑަކުރުމަށްއެޅޭ ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް އައިސްފައިވާ ޕްރެޝަރު ކުޑަކުރުމަށް ވެސް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މިދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަ ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު ވަނީ ކޯވިޑް-19 އަށް ޚާއްސަކޮށްގެން އޭޕްރިލް، މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި އިތުރުކޮށްފައި. ހަމައެއާއެކު، ސެޕްޓެމްބަރު މަހުން ފެށިގެން އިތުރު ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން އިތުރު ކުރުމަށް ރޭވިފައިވާއިރު، މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް،" އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކުން ބުނީ އޭގެ އިތުރުން، ބޭންކުތަކަށް ދިމާވެފައިވާ ބޭރު ފައިސާ އަދި ދިވެހި ރުފިޔާގެ ލިކުއިޑިޓީގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ދިވެހި ރުފިޔާ އަދި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) ކުރިން ހުރި 10 ޕަސެންޓުން 7.5 ޕަސެންޓަށް އޭޕްރިލް މަހުގެ ތެރޭގައި ދަށްކުރި ކަމަށެވެ. އަދި ޖުލައި މަހުގެ ތެރޭގައި ބޭރު ފައިސާގެ އެމްއާރްއާރް 7.5 ޕަސެންޓުން 5 ޕަސެންޓަށް އިތުރަށް ދަށްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާގެ ބާޒާރަށް ޑޮލަރު ވިއްކުމުގައި އެމްއެމްއޭއިން ޚަރަދުކުރަން ހުންނާނީ ރާއްޖޭގެ ރަސްމީ ރިޒާވް. ނަމަވެސް، ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާކަމުން، ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވްއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން،" އެމްއެމްއޭ އިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނީ އެގޮތުން، އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި ސްވޮޕްގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި، އެމްއެމްއޭ އާއި ސަރުކާރާއި ގުޅިގެން ވަނީ އައިއެމްއެފް އަދި ބޭރުގެ އެހެނިހެން މާލީ އިދާރާތަކުން ތަފާތު އެކި މާލީ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރު ވަނީ ހަމަޖެހިފައި. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާއި ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ،" އެ އޮތޯރިޓީން ބުންޏެވެ.