މިދިޔަ އަހަރު ނުކުތް ސްޕެނިޝް ބިރުވެރި ފިލްމެއް ކަމަށްވާ "ޖޫލިއާސް އަައީސް"ގެ އޮފިސިއަލް ރިމޭކްގައި ތާޕްސީ ޕާނޫއާއި ގުލްޝަން ދޭވާގެ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ތާޕްސީ މި ފިލްމުގައި ފެންނާނީ ބެލެން ރުއިޑާ ކުޅެފައިވާ ލޯ އަނދިރި އެއްމާބަޑު ދެބެންގެ ބައިންނެވެ. މި ފިލްމުގެ ވާހަކަ އަޖޭ ބޭލް ލިޔެފައި ވަނީ ވަރަށް ގިނަ ބަދަލުތަކެއް ގެނެސް އިންޑިއަން އޯޑިއަންސްއަށް ކަމުދާނެ ގޮތަކަށް ބަލައިގެންނެވެ.

ޓައިޓަލްއެއް މިވަގުތު ނެތް މި ފިލްމުގައި ތާޕްސީ ފެންނާނީ އެއްމާބަނޑު ދައްތަގެ ގޮތް ނޭނގޭ ސިއްރުތަކުން ފުރިގެންވާ މަރުގެ ހަގީގަތް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ލޮލުގެ ފެނުން ދުވަހެއް ދުވަަހަކަށް ގެއްލެމުން ދާ މީހެއްގެ ބައިންނެވެ.

މި ފިލްމު ވެގެންދާނީ ތާޕްސީ 2019 ވަނަ އަހަރު ކުޅުނު ބްލޮކްބަސްޓާ ފިލްމު "ބަދްލާ" އަށްފަހު ސްޕެނިޝް ރިމޭކްއެއްގައި މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. ބަދްލާއަކީ 2016 ވަނަ އަހަރު ނެރުނު ސްޕެނިޝް ފިލްމް "ދި އިންވިޒިބަލް" ގެސްޓްގެ ރިމޭކްއެކެވެ.

ޖޫލިއާސް އައީސް ފިލްމު މީގެ ކުރިން އިންޑިއާގެ ހަތަރު ބަހަކުން ވަނީ ހަދާފަ އެވެ. މި ފިލްމުގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ގައި ނެނިތާލްގަ އެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ހުއްދައަށް އެދި، ފިލްމު އުފައްދާ ފަރާތުން ވަނީ އުއްތަރުކާންޑުގެ ސަރުކާރަށް ސިޓީ ފޮނުވާފަ އެވެ.