ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ފޯކަސް ގެއްލުވާލަން ހޯމް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ދޫވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ބޮންޑެ ވިދާޅުވީ މައްސަލަ އޮތީ ގާނޫނަށް ވުރެ ބޮޑަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި ކަމަށެވެ.
ނަޝީދަށް ދިން ހަމަލާއަށް އިޝާރަތް ކުރައްވާ ބޮންޑެ ވިދާޅުވީ އެ ހަމަލާގެ ފޯކަސް ގެއްލުވާލުމަށްޓަކައި އެތައްކަމެއް ހިނގަމުންދާ ކަމަށެވެ. އޭގެ މައިގަނޑު ކަންކަން ކުރަމުން ދަނީ ވެސް އަމަން ބެލެހެއްޓުމުގެ ޒިންމާ އޮތް ހޯމް މިނިސްޓްރީ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑެ ފާހަގަކުރެއްވީ އެއް ކަމަކީ، ޓެރަރިސްޓް ހަމަލާއަށް ފޯކަސް ނުދީ އަންހެނުން ހިތާނުކުރުމަށް ބާރު އަޅައި ނުދެވިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ނިސްބަތްވާ ޕާޓީން މަސައްކަތް ކުރައްވާ ކުރެއްވުމަށެވެ. ދެން އޭނާ ފާހަގަކުރެއްވި ކަމަކީ ނަފުރަތުގެ އަމަލުތައް ބަޔާން ކުރާ ބިލާއެކު، ބައެއް މުސްލިމުންނާ ދިމާއަށް "ލާދީނީ" ގޮވުމުގެ މިނިވަންކަން ނުދެވިގެން އެކަމާ ދެކެވުނު ވާހަކަތަކެވެ. އެ ކަންކަމުގެ ސަބަބުން ދީނީ ގޮތުން އާންމުންގެ ފޯކަސް މުޅިން އެހެން މައްސަލަތަކަށް އަނބުރާލި ކަމަށް ބޮންޑެ ވިދާޅުވި އެވެ.
"މިއީ ރައީސް ނަޝީދުގެ މައްސަލައިގެ ފޯކަސް ގެއްލުވާލަން ދައްކައިގެން އުޅޭ ވާހަކަތަކެއް، ރައްޔިތުންގެ ފޯކަސް ދީނީ ނަޒަރަކުން އަނެއްކާ އަނބުރާލަން،" އޭނާ ވިދާޅުވި އެވެ.
ހަމަލާ ދިން ދުވަހުގެ ރޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ ވެސް ބޮންޑެ ވަނީ ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ނުވަނީސް ރަނގަޅު ކަމުގައި އިމްރާން ވިދާޅުވިކަން ބޮންޑެ ފާހަގަކުރެއްވި އެވެ.
ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި މާ ބޮޑު ތަހުގީގެއް ހިނގަމުންދާ ކަން ވެސް ގަބޫލު ނުކުރައްވާ ކަމަށް ބޮންޑެ ވިދާޅުވި އެވެ.
ރައީސް ޔާމީން އަވަހާތަކޮށްލަން ދިން ހަމަލާގެ މައްސަލައިގެ ފޯކަސް ނަގާލާފައިވަނީ މިވަގު ސަރުކާރުން. ދެންކޮން ފޯ*ކޭ ހުވަދޫ ބޮންޑާ މިކިޔަނީ. ޖަމަލު ހަލުވާހެން އަނގަނުތަޅުވާ މަޑުންތިބޭ.