ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާ ގުޅޭ މައްސަލަ ތަހުގީގު ކުރިއިރު، ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށްދިނުމާ ގުޅޭ އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ހައިކޯޓުގައި މިއަދު ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަމަށް ބުނެއެވެ. އެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރީ އެސްއޯއެފްގެ އެކައުންޓުންނެވެ.

އެކަމަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް މިއަދު ވިދާޅުވީ ތަހުގީގު މަރުހަލާގައި ވޮޑަމުލާއާ ގުޅޭ އެއްވެސް ސުވާލެއް ރައީސް ޔާމީނާ ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ތަހުގީގު ފުރިހަމަނުވާ މައްސަލައެއްގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ ގާނޫނާ ޚިލާފު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ކަމަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައިނުވާއިރު، އެ ކުންފުނީގެ އެކައުންޓުން ޖަމާކުރި ފައިސާ އަކީ ގާނޫނާ ޚިލާފު ފައިސާ ކަމަށް ބުނުމުން ދެކޮޅު ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފައިވާ ފަރާތްތަކަށް ބަލާއިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ އެމަނިކުފާނުގެ އަދުއްވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ހުކުމަކީ އެމަނިކުފާނު ކޮށްފައިވާ ކުށަކާ ގުޅިގެން ކޮށްފައިވާ ހުކުމެއް ނޫން ކަމަށެވެ. އަދި އަދީބާއި ޒިޔަތު ހެކިބަސް ދިނީ ނުފޫޒެއްގައި ޖެހިގެން ކަމަށާއި އެކަމުގެ ހެއްކަކީ ދައުލަތުން އެ ދެ ބޭފުޅުންނާ އެކު ހެދި އެއްބަސްވުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ނައުފަލް ވިދާޅުވީ އެސްއޯއެފް ކުންފުނި ނުދަންނަ ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވާއިރު، ކާކުކަން ނޭނގޭ ފަރާތްތަކުން ލިބޭ ފައިސާތަކާ ހަވާލުވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރާނެ ކަމަށް ވިދާޅުވުމަށްފަހުއެވެ.