ސަރުކާރުން އަލަށް ރިސޯޓް ހެދުމަށް އިއުލާނު ކޮށްފައިވާ ތިން ރަށަކަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ދެ ކުންފުންޏަކުން ބިޑް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދޮންބެ ހިއްސާވާ ދެ ކުންފުނިން ރިސޯޓު ހަދަން އަގު ހުށަހަޅާފައި ވަނީ ދާދި ފަހުން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ތިން ރަށަކަށެވެ. އެ ގޮތުން ހއ. ވެލިފިނޮޅަށް ބީލަށް ހުށަހަޅާފައިވަނީ މުހައްމަދު ރަޝީދު ހިއްސާ އޮންނަ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ކުންފުނިން އެރަށަށް ހުށަހަޅާފައިވާ އަގަކީ، 625،000 ޑޮލަރު ނުވަތަ 9.6 މިލިއަން ރުފިޔާ އެވެ. މެމްބަރު ދޮންބެގެ އިތުރުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް މި ރަށަށް ބީލަށް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ދޮންބެގެ އެ ކުންފުނިން ވަނީ މ. ސީދީހުރަ އާއި ސީދީހުރާ ވެލިގަނޑަށް ވެސް ބިޑް ހުށަހަޅައިފަ އެވެ. އެ ދެ ރަށަށް ހުށަހަޅާފައިވަނީ 1،275،050 ޑޮލަރެވެ. އެއީ ޖުމްލަ 19.6 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އޯޝަން ޖެމްސް ޕްރައިވެޓްގައި ވެސް މެމްބަރު ދޮންބެގެ ހިއްސާއެއް އޮވެ އެވެ.

އެ ކުންފުނިންވެސް ވަނީ ގދ. ކަނޑަހަލަގަލަ ގަތުމަށް ބީލަށް ހުށަހަޅާފަ އެވެ. އެގޮތުން އެކުންފުނިން ހުށަހަޅާފައިވާ އަގަކީ 1،100،000 ޑޮލަރު ނުވަތަ 16.9 މިލިއަން ރުފިޔާ ހުށަހަޅާފަ އެވެ.

މެމްބަރު މުހައްމަދު ރަޝީދު ހިއްސާ އޮންނަ ކުންފުންޏަކު ރިހިވެލި ރިސޯޓު ގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެ މުއާމަލާތަކީ 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މުއާމަލާތެއް ކަމަށްވެ އެވެ.

މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރިން ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ދޮންބެޒް ޕްރައިވެޓް ލިމިޓަޑްގެ ނަމުގައި ކުންފުންޏެއް އޭނާ ހިންގެވި އެވެ. އަދި މަޖިލީހަށް ހޮވިވަޑައިގެންނެވި ފަހުން ވެސް މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް އެ ކުންފުންޏަށް އެވޯޑުކޮށްފައިވެ އެވެ. އެގޮތުން ކުޅުދުއްފުށީގައި 105 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މި އަހަރުގެ އޭޕްރީލްގައި އެ ކުންފުންޏާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.