ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓަކީ ފެންވަރު ދަށް ރިޕޯޓެއް ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އިއްޔެ ވަނީ އެކަމާ ގުޅިގެން އެކުލަވާލި ރިޕޯޓް އާންމުކޮށް އެރިޕޯޓް މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އެރިޕޯޓަކީ މިހާތަނަށް މަޖިލީހުން ކުރިއަށް ގެންދިޔަ އެންމެ ފުރިހަމަ އިންކުއަރީއަށް ފަހު ތައްޔާރު ކުރި ރިޕޯޓެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ކުރީގެ މިނިސްޓަރު މަލީހު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ 241 ކޮމެޓީއިން އެކުލަވާލި ރިޕޯޓް ކިޔައިފިން ކަމަށާއި އެރިޕޯޓަކީ ފެންވަރު ދަށް ރިޕޯޓެއް ކަމަށެވެ. އަދި އެރިޕޯޓްގައި ހިމަނަންޖެހޭ އެތަކެއް ކަމެއް ނުހިމަނާ ދޫކޮށްލާފައިވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހު ވިދާޅުވީ އެ ރިޕޯޓުގައި ވަކި ގޮތަކަށް ނަތީޖާ ނެރެން މަސައްކަތްކޮށްފައި އެބަހުރި ކަމަށެވެ.

އިންކުއަރީއަށް އެއްކުރެވުނު މައުލޫމާތުން އެނގުނު ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ތިން ކަމެއްގެ ފުރިހަމަ ވެގެން ކަމަށާ ކަމަށާ އެއީ ނިޔަތް ނުވަތަ "އިންޓެންޓް" އާއި ގާބިލްކަން ނުވަތަ "ކޭޕަބިލިޓީ" އަދި ޓާގެޓް އާއި ހަމައަށް ދެވުނު ނުވަތަ "އެކްސެސް" ލިބުން ކަމަށް ރިޕޯޓްގައިވެ އެވެ. އެ ކަންކަމަށް ބަލާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން ބޭނުންވާ ބަޔަކަށް ބޭނުންވަނީ ރައީސް ނަޝީދު ހަމައަށް ދެވޭނެ ގޮތެއް ނުވަތަ އެކްސެސް ލިބުން ކަމަށާ އަދި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކްސެސް ހުއްޓުވުން ކަމަށެވެ.

އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްތައް ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކްލިއާކޮށް ސްވީޕްކޮށް "އިލެކްޓްރިކް ކައުންޓާ މެޝާޒް" ފަދަ ވަސީލަތްތައް ބޭނުންކުރިނަމަ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާ ދިނުމުގެ ފުރުސަތު ކުޑަކުރެވުނީސް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަންތައްތައް ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ސިފައިންނާ ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައި ވެ އެވެ. އަދި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައި ވެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 8 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ވަނަވަރު ހާމަކޮށްފައި ވަނީ ހަތަރު މީހެއްގެ އެވެ.