ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ދެބޭފުޅުން ވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކުން ފުޅާދާއިރާއެއްގައި މިއަދު މަޝްވަރާކުރައްވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސް ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދެއްވިކަމަށްޓަކައި މޯދީއަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާ ކުރާ ކޯޓާއެކެވެ.

ރައީސް ސޯލިހު ފާހަގަކުރެއްވެވި ގޮތުގައި މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރުކަމަށާއި، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަގީންކަމެއް ލިބި ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަންދާޒާއެއް ކުރެވޭނެކަމަށެވެ.

ރައީސް ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އިޖްތިމާޢީ އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ކޮވިޑް- 19ގެ މި ދަތި ހާލަތުގައި ވެސް އިންޑިއާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް މި ދަތި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި އަހަރު ފެށުނުއިރު ރާއްޖޭގައި ކޮވިޑް ދިފާއު ވެކްސިން ކެމްޕެއިން ފަށައިގަތުމަށް އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޮވިޝީލްޑްގެ 100,000 ޑޯޒް ވެކްސިން ހަދިޔާކުރެއްވި ކަމަށްޓަކައި ބޮޑުވަޒީރު މޯދީއަށާއި އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވަފަ އެވެ. އަދި، އެމަނިކުފާނު ވަނީ މި ބަލިމަޑުކަން ފެތުރުނު ދުވަސްވަރު ޗައިނާގެ ވޫހާންގައި ތިބި ދިވެހި ރައްޔިތުން އަނބުރާ ގެނައުމަށާއި، ބޭނުންވާ ޒަރޫރީ ބޭސް ހަދިޔާކޮށް މަތިންދާބޯޓު މެދުވެރިކޮށް ރާއްޖެއަށް އެ ބޭސްތައް ގެނައުމަށް ވެދެއްވި އެހީތެރިކަމާއި، ކޮވިޑް-19 ހެލްތު އިމަޖެންސީ އޮޕަރޭޝަންސް އަށް ފޯރުކޮށްދެއްވި އިންޑިއާގެ ސިއްހީ މާހިރުންގެ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ވަނީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި ދަތުރުފަތުރުކުރެވޭނެ ގޮތްފަހިވުމަކީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ލޮޅުންތައް ކުޑަކުރުމަށް ލިބުނު ބާރެއް ކަމަށް ވިދާޅުވެފަ އެވެ.

ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރަގަތުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފަ އެވެ.

މި ފޯނުކޯލު ނިންމަވާލައްވަމުން ދެ ޤައުމުގެ އިސް ވެރިން ވެސް ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުން އިތުރު ހަރުފަތްތަކަށް ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.