ރަންވީރު ސިންގަކީ ޝައްކެއްވެސް ނެތް ގޮތުގައި ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކުޅަނދާނަ ފަންނާނުކަމާ މެދު ޝައްކެއް ނުކުރަމެވެ. އަދި އޭނާއަކީ ހުނަރާއި ބުރަ މަސައްކަތުން މިހާރު އެހުރި ހިސާބަށް އައިސްފައިވާ ތަރިއެކެވެ.

ރަންވީރުގެ އެންމެ ފުރަތަމަ ފިލްމު ކަމަށްވާ "ބޭންޑް ބާޖާ ބާރާތް" އިން ވެސް އޭނާގެ ހުނަރު ވަނީ މީހުންގެ ހިތުގައި ބިންވަޅު ނެގިފަ އެވެ. އޭގެ ފަހުން ފިލްމު އިންޑަސްޓްރީގައި އެތައް އަޑިގަނޑަކާއި އުސްގަނޑެއް ތަހައްމަލު ކުރުމަށް ފަހު މިހާރު އެހުރީ އެންމެ އުހުގަ އެވެ.

ރަންވީރު އަކީ އަބަދުވެސް އޭނާގެ އަމިއްލަ ދިރުއުުޅުމާއި ބެހޭ "އަޕްޑޭޓްސް" އޭނާގެ ފޭނުންނާއި މީސް މީޑިއާ މެދުވެރިކޮށް ހިއްސާކުރާ ފަންނާނަކަށް ވީ ނަމަވެސް މިދިޔަ ހަތަރު މަސްދުވަސް ދިޔައީ އެއްވެސް ގޮތަކަށް އޭނާގެ ހަބަރެއް ނުވެ އެވެ.

ވީގޮތެއް ނޭނގީ ފޭނުން ކަންބޮޑުވެފައި ތިއްބާ ހަތަރު މަސް ފަހުން ރަންވީރު މިވަނީ ޓުވީޓެއް ކޮށްފަ އެވެ. މި ޓުވީޓުގައި އޭނާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިލަވަޅުތަކާއި ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯޑީ ކޮށްފައިވާ ޓުވީޓެއްގެ ރިޓުވީޓުކޮށް، "އެންމެން ގުޅިގެން ކޮރޯނާވައިރަހާ ހަނގުރާމަ ކުރުމަށް" ގޮވާލާފަ އެވެ.