އިންޑިއާގެ އެންމެ ބޮޑު ދެ ސުޕަސްޓާރުން ކަމަށްވާ ދީޕިކާ ޕާޑުކޯން އާއި ޕްރަބާސް އާއި އެކު ވިޖަޔަންތީ ފިލްމްސްގެ 50 ވަނަ ފިލްމު އިއުލާނު ކުރުމާ އެކު ފޭނުން އުތުރިއަރައިގަތެވެ. މިއަދު އެ ބެނާއިން މި ފިލްމުގައި އަމީތާބް ބައްޗަންވެސް ހިމެނޭނެ ވާހަކަ އިއުލާނުކޮށް މިވަނީ އަނެއްކާ ވެސް ފޭނުން އުފަލުން ފޮޅުވާލާފަ އެވެ.
މިކަން ހާމަކުރުމާއި އެކީ އަމިތާބް ބައްޗަން ވަނީ ޓުވިޓާ މެދުވެރިކޮށް ވިޖަޔަންތީ ފިލްމްސް އަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.
"މި ފިލްމުގައި ބައިވެރިވެވޭތީ މިހިރީ ވަރަށް ފަހުރުވެރިވެފައި. ވިޖަޔަންތީ އަށް 50 އަހަރު ފުރުމުން މަރުހަބާ ކިޔަން. އަދި އުންމީދަކީ މިފަދަ އެތައް 50 އަހަރެއް ދެއްވުން،" އަމީތާބް ލިޔެފައިވެ އެވެ.
މި ފިލްމުގެ ޑިރެކްޓަރު ނަގް އަޝްވިންއާ ހަވާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތައް ބިޔަ ޕްރޮޖެކްޓްތަކުގެ ތެރެއިން އަމިތާބް ބައްޗަން މި ފިލްމު ކުޅެން އެއްބަސްވުމަކީ އެމީހުންނަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.
މި ފިލްމަކީ ތިން ވަނަ ބޮޑުހަނގުރާމައެއް ދައްކުވައިދޭ ސައި-ފައި ފިލްމެކެވެ. ފިލްމު ނެރެން ހަމަޖެހިފައިވާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.