އެގައުމު އުޅަނދު ދުއްވުމުގެ ގަވާއިދާ ހިލާފުވުމާއި ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުގައި ބުނެފައިވަނީ ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭއިރު، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު ލައިސަންސް އިން ޕޮއިންޓް އުނިކުރެވޭނެ ކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ވަންވޭއާ އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އަލަށަ އަމަލު ކުރަން ފެށި ގަވާއިދުގައި ބުނެފައިވާ ގޮތުން ލައިސަންސަށް ދީފައިވާ ޕޮއިންޓް ހުސްވުމުން އޮޓަމެޓިކުން އެ ލައިސަންސެއް ބާތިލުވެގެންދާނެ އެވެ. ލައިސަންސް ބާތިލުމުވުން އަލުން ލައިސަންސް ހެއްދޭނީ 180 ދުވަސް ފަހުން ކަމަށާއި އަލަށް ލައިސަންސް ނަގާއިރު ހަދާ ހުރިހާ އިމްތިހާނުތަކުން ފާސްވެގެން ކަމަށް އެގަވާއިދުގައި ވަނީ ބުނެފަ އެވެ.
ނުރައްކާތެރިކޮށް ދުއްވާ ހާލަތްތަކުގައި ވެސް ލައިސަންސުން ޕޮއިންޓް އުނި ކުރެވޭ ގޮތަށް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެ އެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެ އެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކުރުކުރި މީހާގެ ލައިސަންސް އިން ފަސް ޕޮއިންޓް އުނިވާނެ ކަމަށް ވެސް ބުނެފަ އެވެ. މި ގޮތުން 20 ސްޓިކާ ހަމަވުމުން ލައިސަންސް ބާތިލުވާނެ އެވެ.
ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވެސް ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެ އެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ފުލުހުން ދެން ހުންނާނެ ފޯރި. ޒާތީ ގޮތްގަނޑު ނުލާހިކު ބޮޑު ފުލުހުން ވަރަށް ގިނަ
ލައިސަންސް ނެތި ދުއްވާ މީހުން ގިނަވާނެ. ޖުރުމާނާ ފައިސާ އިތުރު ވާނެ. ސައިކަލް ސްޓިކާޖަހާގެން ސައިކަލް ދުއްވީ ކާކުތޯ ބަލަން ސްޓިކާ ޖެހިމީހުން އެތާމަޑު ކޮށްގެން ތިބޭ ވާހަކައެއް މިގަވާޢިދަކުން ނުފެނުނު. އެހެވެއްޖިޔާމު ކޮންމެފަހަރަކު ޕޮއިންޓް ކެޑޭނީ ސައިކަލުގެ ވެރިމީހާގެ ލައިސަންސުން ނޫންތޯ؟