ކުރީގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާ އާ ދެމެދުގައި ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ވާހަކަ ސަރުކާރުން ދަައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސައީދު އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު، ރާއްޖެ އިން ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށާއި އެއްބަސްވުން ތަންފީޒު ނުކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ދިވެހިރާއްޖޭގެ އަޑުން ގެނެސް "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ރޭ ވިދާޅުވެފައި ވަނިކޮށެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފްޓީއޭގެ ވާހަކަ މި ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އަދި ހުސް ވާހަކަ ނުދައްކަވައި އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްވުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ.

"އެ ހިތްވަރު ސަރުކާރުގައި ހުންނަން ވާނެ،" ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން އޭރު ސޮއިކުރެއްވި އަދި ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެފްޓީއޭގެ ސަބަބުން ރާއްޖެއަކީ ސީފުޑް އަދި "އަގުބޮޑު މުދަލުގެ ރީ އެކްސްޕޯޓް ހަބަކަށް" ހެދޭނެ ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، ޑިސެމްބަރު 18، 2014 ގައެވެ. އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.

އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދޭން ފާސްކުރީ ވަރަށް އަވަސްކޮށްލައިގެންނެވެ. ކޮމިޓީ މަރުހަލާގައި 1،000 އަށް ވުރެ ގިނަ ސަފްހާގެ އެ އެއްބަސްވުން ދިރާސާކޮށް ފާސްކުރީ ބައިގަޑިއިރެއްހާ ހާއިރު ތެރޭގަ އެވެ. އެހެންވެ، މިހާރު ސަރުކާރު ކޯލިޝަންގައި ތިއްބެވި އިސް ބޭފުޅުން ވަނީ ވަރަށް ބޮޑަށް އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އޭރުގައި ވެސް އެއްބަސްވުމާ އެ ބޭފުޅުން ދެކޮޅު ހެއްދެވި އެވެ.

ފައްޔާޒް ވިދާޅުވީ ޗައިނާއާއެކު ގާއިމް ކުރި އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. އޭގެ ރަނގަޅު ކަންތައްތަކެއް ހުރި ނަމަވެސް، އޭގެ ސަބަބުން ގިނަ ވާނީ ރާއްޖެ އަށް އިގްތިސާދީ ގޮތުން ލިބޭ ގެއްލުންތައް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.