ހަނިމާދޫގައި ތަރައްޤީކުރާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޚާއްޞަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްގީއާ ގުޅިފައިވާ މަޝްރޫއެއް ކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ހަނިމާދޫ ކައުންސިލާއި އެރަށު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.

މިބައްދަލުކުރުމުގައި ރައީސް އިތުރަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ވެސް މުހިއްމު މަޝްރޫއެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ހަނިމާދޫގެ ހައުސިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ހިމެނުމަށް ޕްލޭންކުރެވިފައިވާ ކަމަށެވެ. އަދި ސިއްހީ ދާއިރާއިން 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ޓެންޑާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކާއި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމާގުޅޭ މަޢުލޫމާތު ރައީސް ސޯލިހާއި ހިއްސާކުރައްވާފަ އެވެ. އެގޮތުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ހަނިމާދޫގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި، އެއާޕޯޓާ ގުޅިގެން އެކި ގޮތްގޮތުން ރަށަށް ލިބޭނެ ކުރިއެރުންތައް ކައުންސިލުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މިހާރުވެސް ހަނިމާދޫގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫޢުތަކާއެކު އެ ރަށަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވައި ކައުންސިލަރުން ވަނީ ބޯހިޔާވަހިކަމާއި ބެހޭގޮތުންނާއި، ސިއްހީ ހިދުމަތާއި، މަގުހެދުމާއި، ދަތުރުފަތުރުގެ ދާއިރާ އަދި، ޔޫޓިލިޓީޒްގެ އިތުރުން ތައުލީމީ ދާއިރާއިންނާއި އިޖްތިމާއީ ކުރިއެރުމުގެ ދާއިރާއިން އިތުރަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެރަށުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ސްކޭންގެ ޚިދުމަތް ބޭނުންވާކަމަށާއި އަދި، އަންހެނުންނާއި ޒުވާނުންނަށް ވޮލީ ކޯޓެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެ ކޮމިޓީއިން ކުރިޔަށްގެންދާ މަސައްކަތްތަކާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް އެ ކޮމިޓީން ރައީސްއާ ހިއްސާކުރެއްވި އެވެ.

ރައީސް ސޯލިހުގެ ދެކަނބަލުން މިހާރު ހަނިމާދުއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީ އެވެ. އަދި، އެއަށްފަހު ރައީސްގެ ދެކަނބަލުން ވަޑައިގެންނެވީ ހދ. ކުމުންދޫ އަށެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.